29 Jun 2011, 18:20
ސަން އޮންލައިންގެ އިންގްލިޝް ސެކްޝަން މިއަދު ތައާރަފްކޮށްފި އެވެ.
ސަންގެ ޗީފް އެޑިޓަރު އަހްމަދް ޒާހިރު )ހިރިގާ( މިއަދު ވިދާޅުވީ، ފަށައިގަންނައިރު އެ ސެކްޝަނުގައި ޝާއިއުކުރަމުންދާނީ ސަންގައި ޖަހާ މުހިންމު ހަބަރުތަކުގެ އިނގިރޭސި ތަރުޖަމާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެ ސެކްޝަން އަޕްޑޭޓް ކުރަމުންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ކަވަރޭޖު ފުޅާކޮށް، ތަރައްގީ ކުރާނެ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.
ހިރިގާ ވިދާޅުވި ގޮތުގައި، އިނގިރޭސި ސެކްޝަން ތައާރަފްކުރީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ "ހަގީގަތް" ވީހާ ވެސް ސައްހަކޮށްދީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ޑިޕްލޮމޭޓުންގެ އިތުރުން އެހެނިހެން ބޭރުގެ ފަރާތްތަކަށް ވެސް ގައުމުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން ކަމަށެވެ.
ރާއްޖޭގެ ހަބަރުގެ އިތުރަށް ބޭރު ދުނިޔޭގެ މުހިންމު ހަބަރުތައްް ވެސް އިނގިރޭސި ސެކްޝަނުގައި ގެނެސްދޭނެ ކަމަށް ވެސް ސަން އިން ބުންޏެވެ. އަދި ބޭރު ހަބަރުތައް މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އޭޕީ ނިއުސް ކަމަށް ސަން އިން ބުންޏެވެ.
ސަން ކުޑައިގެ ދަށުން މިހާރު ހިންގަމުން އަންނަނީ ސަން އޮންލައިން އާއި ސަން މަޖައްލާގެ އިތުރުން ސަންއެފްއެމް ރޭޑިއޯ ސްޓޭޝަނެވެ. ސަން އަކީ މިހާރު ރާއްޖޭގައި ފުޅާވަމުން އަންނަ އެންމެ ވަރުގަދަ އެއް މީޑިއާ ގްރޫޕެވެ.
ސަން އޮންލައިންގެ އިނގިރޭސި އެޑްރެހަކީ: http://sun.mv/english އެވެ.