އޭޝިއަން އަންޑާ 21 ބީޗް ވޮލީ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމް ތައިލެންޑަށް ފުރައިފި އެވެ.

ޓީމު ތައިލެންޑަށް ފުރާފައި ވަނީ މިއަދު ހެނދުނު އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އޭޝިއަން އަންޑާ 21 ބީޗް ވޮލީ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ގައުމީ ޓީމު މިއަދު ތައިލެންޑަށް ދިޔުމަށް ފުރާފައިވާ ކަމަށާއި މި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދާދި ފަހުން އެކުލަވާލެވުނު ބޯޗް ވޮލީ ޑީވޮލޮޕްމެންޓް ކޮމިޝަނުގެ ޗެއާމަން އަބްދުﷲ ނަޝީދު ކަމަށެވެ.

ސަން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކޯޗު އަބްދުﷲ ނަޝީދު ބުނީ ލިބުނު މުއްދަތުގެ ކުރުކަމުން އެންމެ ފުރިހަމައަށް މުބާރާތަށް ތައްޔާރު ނުވެވޭ ކަމަށާއި ނަމަވެސް އުއްމީދަކީ ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ.

"މަސް ދުވަސް މި ލިބުނީ ތައްޔާރުވާން، އެއީ ކުރު މުއްދަތެއް، ނަަމަވެސް ކާމިޔާބީއަކާ ހަމައަށް ވާސިލްވޭތޯ މަސައްކަތް ކުރާނަން،" ނަޝީދު ބުންޏެވެ.

މި މުބާރާތުގައި ދިވެހި ޓީމު ތަމްސީލް ކުރާނީ އުމުރުން 16 އަހަރުގެ މުހައްމަދު ރިޒާމްއާއި ހުސެއިން ޝާހްގެ ޕެއާ އެވެ. މުބާރާތް ކުރިއަށްދާނީ މާރިޗް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހުގެ ނިޔަލަށެވެ.