29 Jun 2011, 16:25
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން މާލޭގެ ސައިހޮޓާ ކެފޭ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ބެލުމުގެ ގޮތުން މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން، ނުތާހިރުވެގެން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ކެންޓީނާއި ފުޑް ގިއާ އަދި ރެސްޓް ކޯނަރު މިއަދު ބަންދުކޮށްފި އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އޮތޯރިޓީން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި މިއަދު ބަންދުކުރި އެ ތިންތަން ވެސް ބަންދުކުރީ އެ އޮތޯރިޓީން ބަލާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތިގެން ކަމަށެވެ.
މާލޭގައި ކާބޯތަކެތި ހަދައި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ބެލުމުގެ ގޮތުގައި އެމްއެފްޑީއޭ އިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 260 ތަނެއް ބަލައި ފާސްކޮށް، 21 ތަނެއް ބަންދު ކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަދީފައި ވަނީ 12 ތަނަކަށެވެ.
މީގެއިތުރުން އެ އޮތޯރިޓީން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި 75 ތަނެއް ފޮލޯއަޕް ހަދާފައިވާ އިރު މިއަދު ވެސް 19 ތަނަކަށް ބައެއް ކަހަލަ ކަންތައްތައް އިސްލާހު ކުރުމަށް އެ އޮތޯރިޓީން އަންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެފްޑީއޭ އިން މާލޭގައި މި ޖޫން މަހުގެ އެކަކުން ފެށިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި މާލޭގައި ކާބޯތަކެތި ވިއްކާ ބައެއް ތަންތަނުން އެ އޮތޯރިޓީން ހުއްދަ ނުހޯދާ އެމަސައްކަތް ކުރަމުންދާކަން އެނގިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.