ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ތަރައްގީތަކާ އެކު އެއާޕޯޓުން ލިބޭ ހިދުމަތް އެތައް ގުނައެއް އުފުލިގެން ދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

އެއެއާޕޯޓުގެ އާ ރަންވޭ އެޅުމުގެ ރަސްމިއްޔާތު ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އިން ބޭރުގެ މެހުމާނުން ރާއްޖެ އައިސް ފައި ބީއްސާލާނީ ހިތްގައިމުކަމާ އެކު ކަމަށާއި އެއާޕޯޓުން ލިބޭ ފަސޭހަތަކާއި މެހުމާންދާރީ ދެން ފެނިގެންދާނީ އެތައް ގުނައެއް އުފާވެރިކޮށް ކަމަށެވެ.

އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އެއާޕޯޓުގެ ތަރައްގީއަށް ކޮންސަލްޓަންސީ ދެނީ ސިންގަޕޫރުގެ ޗަންޖީ އެއާޕޯޓާއި ސުރުމާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"މިއެއާޕޯޓުގެ ތަރައްގީ ފޭރާން ފުރިހަމަކޮށްދިނުމުގައި ދުނިޔޭގެ އެންމެ ތަހުޒީބު ކޮންސެޕްޓުގެ ކޮންސަލްޓެންސީއާއި އެންމެ ކުރިއަރާފައިވާ މަސައްކަތްތެރި އަތްތައް ބޭނުން ކުރެވުމަކީ ދިވެހިންނަށް ލިބޭ ފަހުރެއް،" އާދިލް ވިދާޅުވި އެވެ.

އާރަންވޭއާ އެކު ބޮޑެތި އޭ380ގެ ބޯޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސޭނެ ކަމަށް އާދިލް ވިދާޅުވި އެވެ.

ބާރުބޮޑުވާ ގަޑިތަކުގައި މިހާރު ބޭނުންކުރާ ރަންވޭ ބޭނުންކުރަން ނިންމާފައިވާ އިރު އެ ރަންވޭއަކީ ރާއްޖޭގެ ތަރައްގީ އާއި ރާއްޖޭގެ މިނިވަންކަމުގައި މަސައްކަތްތަކުގެ ބައިވެރިއެއްކަމަށް އާދިލް ވިދާޅުވި އެވެ.

ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ގާއިމް ކުރެއްވި އެއެއާޕޯޓުގެ ތަރައްގީއަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރުގައި ގިނަ ތަރައްގީތަކެއް ގެންނެވި ކަމަށް އާދިލް ވިދާޅުވި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓް ދިނުމާ އެކު އެއާޕޯޓް ތަރައްގީ ކުރުމަށް ވުރެ އިސްކަންދިނީ ވީހާގިނަ ވިޔަފާރި ކުރުމުގެ މަގު ހޯދުން ކަމަށް އާދިލް ވިދާޅުވި އެވެ.

އިންޑިއާގެ ކުންފުންޏަށް ދިވެހިންގެ އިގްތިސާދުގެ މައި އެއްތަބު ކަމަށްވާ އެއާޕޯޓް ދިނުމުން އެއެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދެއްވީ ރައީސް ޑރ. މުހައްމަދު ވަހީދާއި ސިޔާސީ ލީޑަރުންތަކެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ދިވެހިން ބޮލުގައި އެޅުނު ހަތަރު ބިލިއަން ރުފިޔާގެ ދަރަނިން ދިވެހިން ސަލާމަތް ކުރެއްވީ ރައީސް ޔާމީން ކަމަށް އާދިލް ވިދާޅުވި އެވެ.

"ޖީއެމްއާރަށް ދިވެހިން ދަރާފައިވާ ހަތަރު ބިލިއަން ރުފިޔާ އިން ސަލާމަތްނުވާނެ ކަމަށް ކިޔަމުންދިޔަ އެންމެންގެ ބަސް މިއަދު ވަނީ ހުއްޓިފައި، ހަމައެފަދައިން މިއެއާޕޯޓަށް އިންވެސްޓްކުރަން އެއް ބިލިއަން ޑޮލަރު ހޯދާނީ ކިހިނެއްތޯ އާއި މިރާއްޖެ އަށް އެވަރަށް ފައިސާ ދޭނީ ކޮންބައެއްތޯ، އެސުވާލުތަކަށް ރައީސް ޔާމީން ވަނީ ޔަގީންކަމާ އެކު ޖަވާބު ދެއްވާފައި،" އާދިލް ވިދާޅުވި އެވެ.

އާރަންވޭއަކީ 3400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެއީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ޗައިނާ އިން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފަ އެވެ.