27 Feb 2017, 09:19
ކުއަލަލަމްޕޫރު(ފެބްރުއަރީ 27): ވިހަގަދަ ކެމިކަލެއް ކަމަށްވާ ވީއެކްސްގެ ސަބަބުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް އަވަހާރަވާން ނެގީ އެންމެ 20 މިނިޓު ކަމަށް މެލޭޝިއާގެ ހެލްތް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސުބްރަމާނިއަމް ސަތާސިވަމް ވިދާޅުވި ގޮތުގައި ކިމްގެ މޫނުގައި ހޭކީ އެވިހައިގެ ވަރަށް ބޮޑު ޑޯޒެއް ކަމުން އެވަގުތު އޭނާއަށް އެންޓިޑޯޓެއް ދިން ނަމަވެސް އޭނާ ސަލާމަތެއް ނުކުރެވޭނެ އެވެ. އަދި ކިމްގެ އެންމެ ފަހު 20 މިނިޓު ހޭދަކޮށްފައި ވާނީ "ވޭނުގައި" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިމަހުގެ 13 ވަނަ ދުވަހު ކިމް ޖޮންގް ނަމް އަވަހާރަވީ ކުއަލަލަމްޕޫރުގެ އެއާޕޯޓުގައި ދެ އަންހެނަކު އޭނާއަށް ހަމަލާދިން ފަހުންނެވެ. އޭގެ ތެރެއިން އެއް އަންހެނަކު ކިމް ހިފަހައްޓައި، މޫނުގައި އަތް އަޅާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ.
ކިމްގެ އޮޓޮޕްސީން ދެއްކި ގޮތުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓްގެ އަސަރު ކިމްގެ ލޮލާއި މޫނުގައި ހުއްޓެވެ. އެ ކެމިކަލުގެ ސަބަބުން ކިމް އަށް ހަމަލާދިން ދެ އަންހެނުންގެ ތެރެއިން އެކަކު ބަލިވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވީއެކްސްއަކީ ހަށިގަނޑަށް ވާސިލުވެއްޖެ ނަމަ ނާރުގެ ނިޒާމުގެ މަސައްކަތްތައް ހުއްޓުވާ ކެމިކަލެކެވެ. އަދި އޭގެ ސަބަބުން ފިޓު ޖެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭ މީހާ މަރުވެ އެވެ.
ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ވަނީ އުތުރު ކޮރެއާގެ މީހަކާއި މެލޭޝިއާގެ ފިރިހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނަކު ހައްޔަރުކޮށް، އުތުރު ކޮރެއާގެ ދެ އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށް ބުނެފަ އެވެ.
އޭގެ ތެރެއިން އިންޑޮނޭޝިއާގެ އަންހެން މީހާ ބުނި ގޮތުގައި ކިމްގެ މޫނުގައި "ބޭބީ އޮއިލް" ހޭކީ ޓީވީ ޝޯއަކަށެވެ. އަދި އެކަން ކުރަން އޭނާއަށް 400 މެލޭޝިއަން ރިންގިޓް (80 ޑޮލަރު) ދިން ކަމަށް އެއަންހެންމީހާ ބުންޏެވެ. މެލޭޝިއާ އިން ހައްޔަރުކޮށްފައިވާ ވިއެޓްނާމްގެ އަންހެން މީހާވެސް ވަނީ އެފަދައިން ބުނެފަ އެވެ.
ނަމަވެސް މެލޭޝިއާގެ ފުލުހުން ވަނީ އެ ދެ އަންހެނުން ވަނީ ކިމްގެ މޫނުގައި ވިހަ ހޭކުމަށް ފަހު ވަގުތުން އަތް ދޮވެފައި ކަމަށް ބުނެފަ އެވެ. އެހެންކަމުން އެއީ އެކަމަށް ތަމްރީނުކޮށްފައިވާ މީހުންކަން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
މިހާރު މެލޭޝިއާ އިން ހައްޔަރުކޮށްފައިވާ މީހުންގެ އިތުރުން ފުލުހުން ވަނީ އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދުމަށް އިންޓަޕޯލްގެ އެހީއަށް އެދިފަ އެވެ. (ބީބީސީ)