27 Feb 2017, 08:26
މީގެ ހަފްތާއެއް ކުރިން 12 މީހުންނާއެކު ގެއްލުނު ހއ.ތުރާކުނު، "ބްލޫ ފިޝް 1" ދޯނި ފެނިއްޖެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެދޯންޏާ ރޭ ގާތްގަނޑަކަށް 01:40 ހާއިރު ގުޅުނުއިރު، އެ ދޯނި އޮތީ ކ.ދިއްފުށީ ބޭރުގައި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެދޯނި ހާލުގައި ޖެހުނީ ނޫން ކަމަށާއި އެދޯނި އުޅުނީ ރާއްޖޭގެ ބޭރު ކަނޑަށް ނުކުމެ މަސްވެރިކަމުގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
"މަސްވެރިކަން ކުރުމަށް ބޭރު ކަނޑަށް އެ ދޯނިން ނިކުމެފައިވަނީ އެއްވެސް ފަރާތަކަށް އެކަން ހިއްސާ ނުކޮށްކަމުގައި ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެ." އެމްއެންޑީއެފްއިން ބުންޏެވެ.
"ބުލޫ ފިޝް" ދޯންޏާ ގުޅުނުއިރު، އެ ދޯނި ދަތުރުކުރަމުން ދަނީ މަސް ބާނައިގެން މާލެ އައުމަށެވެ.
އެ ދޯނި ފެނުނުއިރު ދޯނި ހޯދުމުގައި އެހީތެރިކަމަށް ސްރީ ލަންކާ އަދި އިންޑިއާ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެމްއެންޑީއެފް ކޯސްޓްގާޑް ވަނީ އެދިފައެވެ. އަދި އެމްއެންޑީއެފްއިން ރާއްޖޭގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.