ވިލިމާލޭގައި ކުޑަ އަންހެން ކުއްޖަކާ "ބެހެން" އުޅުނު ކަމުގެ ތުހުމަތުގައި އުމުރުން 56 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެކަން ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން ވިލިމާލެ އިން އެމީހާ ހައްޔަރުކުރީ މަގުމަތީގައި ހުއްޓައި ކަމަށެވެ.

ވިލިމާލޭގެ ހާބަރު ސަރަހައްދުގައި ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ ގެއެއްގެ ދޮރުމަތީގައި ހުރި އެއަންހެން ކުއްޖާއާ އެމީހާ ބެހެން އުޅުނީ އެގޯޅި ތެރެއަށް ވަދެގެން ގޮސް ކަމަށާއި އަދި އެ ކުއްޖާގެ ގޭ މީހުންނަށް އެކަން އެނގުނީ އެކުއްޖާ ބުނުމުން ކަމަށް ވެސް ބައެއް މީޑިތަކުގައި ބުނެފައިވެ އެވެ. އަދި އެގޭ މީހުން އެމީހާ ފުލުހުންނާ ހަވާލުކޮށްފައި ވަނީ އަނިޔާކުރުމަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާގެ ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި އަދި އެއްވެސް ކަހަލަ މާރާމާރީއެއް ހިނގާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.