މެޗުގެ ފަހު ވަގުތު ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ލަނޑުން ސައުތުހެމްޓަން އަތުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ލީގު ކަޕްގެ ފައިނަލުގައި ސައުތުހެމްޓަންގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ. މިއީ ޔުނައިޓެޑުން ލީގު ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އެންމެ ގިނައިން ލީގު ކަޕް ކާމިޔާބުކޮށްފައިވާ ލިވަޕޫލުން އެ މުބާރާތް ހޯދާފައިވަނީ އަށް ފަހަރެވެ.

އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ޔުނައިޓެޑާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ލަނޑުން --- ފޮޓޯ/ އޭޕީ

މިރޭ ކުޅުނު އެ މެޗުގެ 19 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. ސައުތުހެމްޓަންގެ ސްޕެއިން މިޑްފީލްޑަރު އޮރިއޮލް ރޮމެއޫ ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުން ޔުނައިޓެޑަށް ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ހޯދައިދިނީ އިބްރަހިމޮވިޗްއެވެ.

ސައުތުހެމްޓަނުން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި މާކޮސް ރޯހޯ ދިން ބޯޅައަކުން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ހެސޭ ލިންގާޑްއެވެ. އޭނާ ވަނީ ވެމްބްލީގައި ޔުނައިޓެޑްގެ ޖާޒީގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފައެވެ.

އިނގިރޭސި ލީގު ކަޕްގެ ތަށްޓާއެކު ޔުނައިޓެޑްގެ ސްވިޑަން ތަރި އިބްރަހިމޮވިޗް: ފައިނަލުގައި ޔުނައިޓެޑް ވަނީ 3-2 ލަނޑުން ސައުތުހެމްޓަން ބަލިކޮށްފައި --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުތުހެމްޓަންއިން ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ޖޭމްސް ވޯޑް ޕްރޯސް ދިން ބޯޅައަކުން ސައުތުހެމްޓަންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މޮނޯލޯ ގަބިއަޑިނީއެވެ. އޭނާ ވަނީ ޕެނަލްޓީ އޭރިޔާގެ ތެރޭން ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންޔައީ 2-1 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ސައުތުހެމްޓަންއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު ވެސް ސައުތުހެމްޓަންއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގަބިއަޑިނީއެވެ. އޭނާ އެ ލަނޑު ވެސް ވަރަށް ރީތިކޮށް ފޮނުވާލިއިރު، ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ހުރީ ހުއްޓުން އަރައިފައެވެ.

އިނގިރޭސި ލީގު ކަޕްގެ ތަށްޓާއެކު ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ: ފައިނަލުގައި ޔުނައިޓެޑް ވަނީ 3-2 ލަނޑުން ސައުތުހެމްޓަން ބަލިކޮށްފައި --- ފޮޓޯ/ އޭޕީ

ސައުތުހެމްޓަންގެ އެ ލަނޑަށްފަހު ވެސް އެޓީމުން ރަނގަޅަށް ކުޅެ، ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަކޮށްފައިވެއެވެ. ސައުތުހެމްޓަންއިން ލީޑު ހޯދުމަށް މަސައްކަތްކުރަމުންދަނިކޮށް، މެޗުގެ 87 ވަނަ މިނެޓުގައި ޔުނައިޓެޑަށް އަލުން ލީޑު ހޯދައިދިނީ އިބްރަހިމޮވިޗްއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން އެ ތަށްޓާއެކު އޭނާ ވަނީ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަންގެ ރެކޯޑާ ވެސް އަރާ ހަމަކޮށްފައެވެ. ކޯޗެއްގެ ގޮތުގައި މޮރީނިއޯއާއި ފާގަސަން ވަނީ ހަތަރު ފަހަރު ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އިނގިރޭސި ޑޮމެސްޓިކް ކަޕެއްގެ ފައިނަލްގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް ބަލިނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.