27 Feb 2017, 08:47
ބޮލީވުޑުގެ ރަސްގެފާނު ޝާހް ރުކް ޚާނަށް ބޮލީވުޑުގައި ރަސްކަން ކުރި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޔަޝް ޗޯޕްޅާގެ ހަނދާނުގައި ދެމުން އަންނަ 'ޔަޝް ޗޯޕްޅާ މެމޯރިއަލް އެވޯޑު' އިއްޔެ ދީފި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޝާހަށް އެވޯޑު ހަވާލުކޮށްދިނީ ބޮލީވުޑުގެ ކުރީގެ ކުޅަދާނަ ބަތަލާ، އަދި އެންމެ ފަހުން އެ އެވޯޑު ހޯދި ރޭކާއެވެ.
އެވޯޑާ ހަވާލުވުމަށް ފަހު ދެއްކި ވާހަކައިގައި، ޝާހު ވަނީ އޭނާ މުޅި ކެރިއަރު ބައްޓަން ކޮށްދީ އޭނާ މީހަކަށް ހަދައިދިނީ ޔަޝް ޗޯޕްޅާ ކަމަށް ބުނެފައެވެ. އަދި އެ އެވޯޑަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ލިބޭނެ އެންމެ އަގުބޮޑު އެވޯޑު ކަމަށް ވެސް ޝާހު ބުންޏެވެ.
ނަމަވެސް އެއީ އޭނާއަށް ހައްގު އެވޯޑެއް ނޫން ކަމަށް ޝާހު ވަނީ ބުނެފައެވެ.
ޝާހަކީ ޔަޝް ޗޯޕްޅާށް އެންމެ ކަމުދާ ބޮލީވުޑްގެ އެކްޓަރެވެ. 2012 ވަނަ އަހަރު ޔަޝް ޗޯޕްޅާ މަރުވުމާ ހަމައަށް ވެސް ދެމީހުންގެ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތެވެ.
ޔަޝް ޗޯޕްޅާ އަކީ ބޮލީވުޑުގެ ދިގު ތާރީހުގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާ މީހެކެވެ. ޝާހު އަށް 'ކިންގް އޮފް ރޮމޭންސް'ގެ ލަގަބު ހޯދައިދިނުމުގައި ވެސް ޗޯޕްޅާގެ ދައުރު ވަރަށް ބޮޑެވެ.
'ޑަރް'، 'ދިލްވާލޭ ދުލްހަނިޔާ ލޭޖާއެނގޭ'، 'ދިލް ތޯ ޕާގަލް ހޭ' އަދި 'ވީރް ޒާރާ' ފަދަ ފިލްމުތަކަކީ ޝާހު އާއި ޗޯޕްޅާ އެކުގައި މަސައްކަތްކޮށް ބެލުންތެރީންނާ ހަމައަށް ގެނެސްދީފައިވާ މޮޅު ފިލްމުތަކެކެވެ.