ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްގައި ހުނަރުވެރި ބަތަލާ ކަންގަނާ ރަނައުތު އާއެކު މަސައްކަތް ކުރުމަށް ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ޚާން ދެކޮޅު ހަދާފައިވާ ކަމަށް ބުނާ ރިޕޯޓުތައް ޝާހު ދޮގުކޮށްފި އެވެ.

ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ޝާހު އަދި ކަންގަނާ އަށް ފުރުސަތު ދިން ނަމަވެސް، ކަންގަނާ އާއެކު މަސައްކަތް ނުކުރާނެ ކަމަށް ބުނެ ޝާހު ފިލްމު ދޫކޮށްލި ކަމަށް ބުނަ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފައެވެ.

ނަމަވެސް ބޮލީވުޑުގައި ރަސްކަން ކުރި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޔަޝް ޗޯޕްޅާގެ ހަނދާނުގައި ދެމުން އަންނަ 'ޔަޝް ޗޯޕްޅާ މެމޯރިއަލް އެވޯޑު' ޝާހު އަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާހު ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ ވާހަކައެއް ގަބޫލު ނުކުރުމަށް ނޫސްވެރިން ކިބައިން އެދިފައެވެ.

"އޮންލައިންކޮށް ކިޔާ ކޮންމެ އެއްޗެއް ގަބޫލު ކުރާކަށް ނުވާނެ،" ޝާހު ބުނެފައިވެ އެވެ.

ބަންސާލީ ވަނީ ޝާހު އަށް ދެ ފިލްމެއްގެ ސްކްރިޕްޓް ހުށަހަޅައިފައެވެ. ނަމަވެސް ޝާހު އެއްބަސް ވެފައި ވަނީ އެއް ފިލްމަށް ކަމަށް ޚަބަރުތައް ބުނެ އެވެ. ޝާހު ދޫކޮށްލި ސްކްރިޕްޓް ބަންސާލީ ވަނީ ކަންގަނާ އަށް ހުށަހަޅައިފައެވެ.

ކަންގަނާ ވަނީ ޓޯކް ޝޯވ 'ކޮފީ ވިތު ކަރަން' ގައި އެއްވެސް ޚާން އަކާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. ކަންގަނާ އާ ދެމީހުންނަށް ހުށަހެޅި ސްކްރިޕްޓް ޝާހު ދޫކޮށްލީ ކަންގަނާގެ ކޮމެންޓުގެ ސަބަބުން ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.