26 Feb 2017, 22:57
އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64 ރުފިޔާ ޑިއުޓީއެއް ނަގަން ކޮމެޓީން ފާސްކޮށްފައިވާ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިނަމަ، އެނާޖީ ޑްރިންކް ދަޅަކުން އެންމެ ދަށް ވެގެން އަށް ރުފިޔާ ބޮޑުވާނެ އެވެ.
ރާއްޖެއަށް އާންމުކޮށް އެތެރެ ކުރާ އެނާޖީ ޑްރިންކް ދަޅުތައް އާންމުކޮށް ހުންނަނީ 250 މިލިލިޓަރުގަ އެވެ. އާ އިސްލާހު ފާސްވެއްޖެނަމަ އެފަދަ ދަޅަކުން 8.41 ރުފިޔާ ބޮޑުވެގެންދާނެ އެވެ އެގޮތުން 20 ރުފިޔާއަށް މިހާރު ލިބޭ ރެޑްބުލް ދަޅެއްގެ އަގު 28 ރުފިޔާއަށް އުފިލިގެންދާއިރު، 15 ރުފިޔާއަށް މިހާރު ލިބޭ އެސްއެލް ދަޅެއްގެ އަގު 23 ރުފިޔާއަށް އުފުލޭނެ އެވެ.
ކޮމިޓީއަށް އިސްލާހު ހުށަހެޅިއިރު އެ އިސްލާހުގައި ބުނެފައި ވަނީ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ލިޓަރަކަށް 4.60 ރުފިޔާ ނަގާނެ ކަމަށެވެ. އޭރުން 250 މިލިލިޓަރު ހުންނަ ދަޅަކުން އުފުލޭނީ އެއް ރުފިޔާ އެވެ.
ކޮމިޓީ މަރުހަލާގައި ހެލްތް ޕްރޮޓްކްޝަން އެޖެންސީން ބުނެފައި ވަނީ އެނާޖީ ޑްރިންކަކީ އެއްވެސް ފައިދާއެއް ނުވާ އެއްޗެއް ކަމަށެވެ. އަދި އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް މީހުންގެ ހަށިގަނޑަށް ވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
ސޮފްޓް ޑްރިންކުން ހަތަުރ ރުފިޔާ 60 ލާރި ނަގަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ސިނގިރެޓުން ނަގާ ޑިއުޓީ ސިނގިރެޓް ސްޓިކަކުން ދެ ރުފިޔާ ނަގާ ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އަދި ސިނގިރެޓަށް ގަނޑުކޮށް ނަގާ ޑިއުޓީއަށް އިތުރު 20 ޕަސެންޓް އިތުރުކުރަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން އިސްލާހު ގެނެސް ފާސްކުރި ގޮތަށް ތަޅުމުން ފާސްވެއްޖެ ނަމަ މިހާރު 50 ރުފިޔާއަށް ލިބޭ ސިނގިރެޓް ފޮއްޓެއްގެ އަގު 80 ރުފިޔާއަށް އުފުލިގެންދާނެ އެވެ.