29 Jun 2011, 15:54
އައްޑޫ އަތޮޅު ފޭދުއަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުގެ ސަބުން ބައެއް ގޭގެއަށް ގެއްލުންތަކެއް ވެއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު ވިދާޅުވީ ރޭ ގާތްގަނޑަކަށް 8:30 އެހާކަންހާއިރުން ފެށިގެން ފަތިސްވަންދެން ފޭދުއަށް ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. ބޯކޮށް ވެހުނު ވާރާގެ ސަބުބުން ބައެއް ގޭގެއަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
"އެބަހުރި ހަމަ ހުރިހާ ކޮޓަރިއަކަށް ފެން ވަން ގޭގޭ ވެސް، މުޅި ރަށުގައި ވަނީ ފެންގަނޑު ހެދިފައި،" މޭޔާ ވިދާޅުވިއެވެ.
ފޭދޫގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފާއި ސިޓީކައުންސިލްގެ މުނިސިޕަލް ސާވިސްއިން މިހާރުވަނީ ފަށައިފަ އެވެ. ނަމަވެސް ހެދިފައިވާ ފެންގަނޑު އަދި ހިއްކިފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން، އެމްއެންޑީއެފާއި ސިޓީ ކައުންސިލްގެ މުނިސިޕަލް ސާވިސް އިން، ނަމަވެސް އަދި ވެސް ފެންގަނޑު ވަރަށް ބޮޑު،" މޭޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުރިހާ ކޮޓަރިއަކަށް ފެން ވަދެ ގެއްލުން ލިބުނު ގޭތަކުގެ މީހުން މިރޭ ނިދަން ވާއިރަށް އެ ގޭގެއިން ފެން ހުސްކޮށް، ނިދޭނެ ގޮތެއް ހަމަޖައްސައި ދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އެހެން ގެއަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެކަން ވެސް ގޭތަކުގައި ޖާގަ އޮތްވަރަކުން ހަމަ ޖެއްސޭތޯ ބަލާނަން؛" ސޯދިގު ވިދާޅުވި އެވެ.
ފޭދޫގެ މޫސޫން އޮތީ މިއަދުވެސް ބަނަކޮށެވެ. ދޭތެރެ ދޭތެރެއިން ދަނީ ވާރާ ވެހެމުންނެވެ.