26 Feb 2017, 18:02
ސްޕެއިންގެ ބާސެލޯނާގައި މާދަމާ ފަށާ މޯބައިލް ވޯލްޑް ކޮންގްރެސް 2017ގައި ގަތަރުގެ ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި އުރީދޫއިން ބައިވެރިވެ، އެ ކުންފުނީގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދައްކާލުމަށް ނިންމައިފި އެވެ.
އުރީދޫ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މާދަމާ އިން ފެށިގެން މާޗު މަހުގެ ދެވަނަ ދުވަހަށް ކުރިޔަށްދާ މޯބައިލް ވޯލްޑް ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އެ ކުންފުނިން ފަސް ޓެކްނޮލޮޖީއެއް ދައްކާލާނެއެވެ.
އެގޮތުން، އުރީދޫއިން މިހާރު ރީސާޗުކޮށް، ތަރައްގީ ކުރަމުން އަންނަ އުރީދޫ 4.5ޖީ އަދި 5ޖީ ނެޓްވޯކުގެ ސުޕަޓެކްނޮލޮޖީ އެ ކޮންގްރެސްގައި ދައްކާލާނެ ކަމަށާއި، ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި 5ޖީ އެނޭބަލްޑް ރޮބޮޓިކްސް އާއި، 5ޖީ ނެޓްވޯކުގެ އިންޓަނެޓާއި ވޮއިސް ކޯލް އަދި ޓެކްސްޓް މެސެޖިންގް ޚިދުމަތުގެ އަޖުމަ ބަލައިލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
ދެވަނަ ކަމަކަށް އުރީދޫއިން ދައްކާލާނީ އުރީދޫ ރެސްކިއު ޚިދުމަތެވެ. މިއީ ޑްރޯން އާއި ލައިވް ފީޑު ބޭނުންކޮށްގެން ކޯސްޓްގާޑަށް އެމަޖެންސީ ރެސްޕޮންސް މިޝަންތައް ކުރިޔަށް ގެންދެވޭ ޚިދުމަތެކެވެ.
އުރީދޫ ރެސްކިއު ހިނގާ ގޮތަކީ، ޑިސްޓްރެސް ކޯލެއް ލިބުމުން ޑްރޯން މެދުވެރިކޮށް އެ އުޅަނދެއް ލޮކޭޓުކޮށް، އެ އުޅަނދަށް ސަލާމަތީ ޑްރާފްޓެއް ޑިޕްލޯއި ކުރެވޭނެއެވެ. އަދި ކޯސްޓްގާޑަށް ކަނޑުގެ އެކި ސަރަހައްދުތައް ލައިވްކޮށް މޮނީޓަރުކުރެވޭ ކެމެރާތަކެއް ހަރުކޮށްފައިވާ ބޮއީތަކެއް ވެސް ބެހެއްޓޭނެ އެވެ.
މީގެ އިތުރުން، ކުޅިވަރު ދަނޑުތައް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންޓްރޯލްކޮށް މޮނީޓަރުކުރެވޭ "އުރޫދީ ސްމާޓް ސްޓޭޑިއަމް" ޓެކްނޮލޮޖީ، މޯބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްނޮލޮޖީގެ ދަށުން ސްޓޭޑިއަމްތަކުގެ ސެކިއުރިޓީ، ކަނެކްޓިވިޓީ، އައިޓެންޓިޓީ މެނޭޖްމެންޓް އަދި އެކްސެސް ކޮންޓްރޯލްގެ ކަންކަން ކުރިޔަށް ގެންދެވޭނެއެވެ.
ހަމަ އެއާ އެކު، އުރީދޫ މެދުވެރިކޮށް ސިއްހީ ފަރުވާ ލިބޭ އުރީދޫ ހެލްތު ސޮލިއުޝަންސް އަދި އުރީދޫ ސްމާޓް ސިޓީގެ ކަންކަންވެސް މޯބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލާނެ އެވެ.
އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިޚް ސައުދު ބިން ނާސިރު އަލް ޘާނީ ވިދާޅުވީ މޯބައިލް ވޯލްޑް ކޮންގްރެސްއަކީ ޓެލެކޮމް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށާއި، މިއީ އުރީދޫގެ ޓެކްނޮލޮޖީތަކާ ސޮލިއުޝަންތައް ދައްކާލުމަށާއި، ދުނިޔޭގެ އެހެން ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.