26 Feb 2017, 17:43
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި އެސްޓީއޯގެ ފަރާތުން އައުޓްޑޯ ޕުލޭގްރައުންޑެއް ތަރައްގީކޮށް ހުޅުވައިފި އެވެ.
މުޖުތަމައުގެ ލާބަޔަށްޓަކާ ހިލޭ ސާބަހަށް އެސްޓީއޯއިން ތަރައްގީ ކުރި އެ ޕްލޭގްރައުންޑް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
އެސްޓީއޯގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ނިއުޝާދު ވިދާޅުވީ، ފިޔަވަތީގައި ތަރައްގީކުރި ކުޅޭ ފަސްގަނޑުގައި ތުއްތު ކުދިންނަށް ކުޅެވޭނެ ގޮތަށް ހަދާފައި އޮންނަ ސަރަހައްދަކާއި ޓާފް އަޅާފައިވާ ތަންކޮޅެއްގެ އިތުރުން ކުޑަކުދިންގެ އުމުރާ ގުޅޭނެ ގޮތަށް ފުޓްސަލް ދަނޑަކާއި ސްޓޭޖެއް ހަދާފައިވާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުން އެއީ އެސްޓީއޯގެ ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާނގައިވެސް ގިނަ ސީއެސްއާރު އެހީ ދެމުންގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރު ވިދާޅުވީ، ހުރިހާ ކުދިންނަށް ވެސް ތައުލީމީ ފުރުސަތު ހޯދައިދީ މުޖުތަމައުގައި ކޮންމެ ކުއްޖަކަށް ވެސް އުފާވެރިކަމާއެކު ހީލާ މަޖާކޮށްލާ އުޅުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުން އެއީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެސްޓީއޯ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ފިޔަވަތީގައި ހުޅުވި އައުޓްޑޯ ޕްލޭގްރައުންޑްގެ އިތުރުން އެ ހިޔާގެ ދެ ޓީޗަރެއްގެ މުސާރަ ވެސް އެސްޓީއޯ އިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ސްޕޮންސާ ކޮށްދީފައެވެ.
އޭގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގެ ހަތަރު މުވައްޒަފެއްގެ މުސާރަ ވެސް 2014 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދަނީ ސްޕޮންސާ ކޮށްދެއްވަމުންނެވެ.
ސައުދީގެ ވިޔަފާރިވެރިއެއްގެ ހަރަދުގައި އަޅައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވި ފިޔަވައްސަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބެލެޖެއްޓުމަށް ހާއްސަ މަރުކަޒެކެވެ.