29 Jun 2011, 15:50
ހއ. ފިއްލަދޫ ކައުންސިލުގެ ކުރީގެ ރައީސް މުހައްދު ވިޖާން ވަކިކުރަން މިހާރުގެ ރައީސް އަހުމަދު އިނާޒް ވޯޓުން ދެއްވި މައްސަލައިގައި އޭނާ ޑީއާރްޕީން ވަކިކުރަ ފިއްލަދޫ ޑީއާރްޕީ ގޮފިން ނިންމައި ޕާޓީގެ ކައުންސިލަށް މައްސަލަ ހުށަހަޅައިފި އެވެ.
ފިއްލަދޫ ގޮފީގެ ހަޒާންދާރު ހާމިދު ހަސަން މިއަދު ވިދާޅުވީ ފިއްލަދޫ ކައުންސިލްގެ ކުރީގެ ރައީސް މުހަންމަދު ވިޖާން ރައީސް ކަމުން ދުރުކުރުމަށް ނެގި އިތުބާރު ނެތްކަމުގައި ވޯޓުގައި ޑީއާރްޕީގެ ފިއްލަދޫ ގޮފީގެ ނިންމުމާއި ހިލާފަށް އިނާޒް ވޯޓު ދީފައިވާތީ އޭނާ ޕާޓީން ވަކި ކުރުމަށް ފާސްކުރީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި ޑީއާރްޕީގެ ފިއްލަދޫ ގޮފީގެ އާންމު ޖަލްސާއަކުން ކަމަށެވެ. އެރޭގެ ޖަލްސާއަށް ހާޒިރުވި 115 މެންބަރުންގެ ތެރެއިން ހުރިހާ މެންބަރުން ވެސް ވޯޓުދީފައިވަނީ އިނާޒް ޑީއާރްޕީން ވަކި ކުރަން ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
ފިއްލަދޫގައި ޑީއާރްޕީގެ 117 މެންބަރަކު އުޅެ އެވެ.
"ޑީއާރްޕީގެ މެންބަރަކަށް ހުންނަވައިގެން އިނާޒު ވަނީ ޑީއާރްޕީގެ މެންބަރަކާއި ދެކޮޅަށް އަދި މި ގޮފިން ނިންމި ނިންމުމާއި ދެކޮޅަށް މަސައްކަތްތަކެއް ކޮށްފައި އަދި އެ ގެންދަނީ ކުރަމުން. އެހެންވެ ޕާޓީގެ މެންބަރުންނާއި އަދި ތާއީދު ކުރާ ބޭފުޅުން ވެސް އޭނާ ވަކި ކުރަން އެދި އެދި މި ތިބީ،" ހާމިދު ވިދާޅުވި އެވެ.
އިނާޒް ޕާޓީން ވަކިކުރަން ފިއްލަދޫ ގޮފިން ނިންމި ނިންމުން ތަންފީޒު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ވަނީ ޑީއާރްޕީގެ ކައުންސިލަށް ސީޓީއަކުން ހުށަހަޅާފަ އެވެ.
ކައުންސިލަށް ހުށަހެޅިފައިވާ މައްސަލައެއް ކުރީގެ ރައީސް ވިޖާން މީޑިޔާ އާއި ހިއްސާ ކުރިކަމަށް ބުނެ ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވިޖާންގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން ވިޖާން ދުރުކުރަން ވޯޓު ދިން ހަމަ އެކަނި ޑީއާރްޕީ މެންބަރަކީ އިނާޒް އެވެ. ކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިނާޒް ރައީސް ކަމަށް ހޮވަން ވޯޓު ދީފައިވަނީ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ދެ މެންބަރުންނެވެ.
ޑީއާރްޕީގެ މީޑިޔާ އޮފިޝަލް އަލީ ސޯލިހް މިއަދު ވިދާޅުވީ އެ މައްސަލައިގައި އިނާޒްގެ މައްޗަށް ގޮތެއް ނިންމުމަށް އެންމެ އަވަހަށް ބާއްވާ ކައުންސިލް ބައްދަލުވުމަށް ހުށަހަޅާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ މައްސަލައިގެ ސިޓީ ޔައުމިއްޔާ އާއި މައްސަލަ ހިނގާ ދިޔަ ގޮތުގެ ރިޕޯޓާއި އެކު ލިބިފައި އެބައޮތް. އެކަން ކައުންސިލަށް ގެންގޮސް އެ ކަންތައްތަކަށް ބަލާފައި ކައުންސިލުން ގޮތެއް ނިންމާނެ." އަލީ ވިދާޅުވި އެވެ.