26 Feb 2017, 16:50
މަރިޔަމް އަބްދުލް ކަރީމް (މަރީ) 2014 ވަނަ އަހަރު ހެދި ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް، ޝަމްހާ އަހްމަދު މުގުރާލައިފިއެވެ.
ޝަމްހާ އެ ރެކޯޑު މުގުރާލާފައިވަނީ ޖަރުމަންގެ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޮންޗެންގްލެޑްބެކް އިން ކުރިއަށްގެންދިޔަ ހާޑްޓާ ކާނިވަލް ރަން 2017ގައި ދުވެގެންނެވެ.
ޖަރުމަނުގައި ކުރިއަށްދިޔަ ރޭހުގައި އިއްޔެ ދުވެ، ޝަމްހާ ރޭސް ފުރިހަމަކޮށްފައިވަނީ 22 މިނެޓް 24 ސިކުންތުންނެވެ. އެއީ މަރީގެ ރެކޯޑަށްވުރެ އެއް މިނެޓާއި ނުވަ ސިކުންތު އަވަސް ވަގުތެކެވެ. ދިރާގު ރޯޑް ރޭސް 2014ގައި ދުވެ، ކުރިން މަރީ ރެކޯޑް ހަދާފައިވަނީ 23 މިނެޓާއި 33 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މަރިޔަމް އަބްދުލްކަރީމް(ވ): ޝަމްހާ ވަނީ މަރީގެ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް މުގުރާލާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް އާކުރި ޝަމްހާއަކީ ގައުމީ އަންހެން އެތުލެޓިކްސް ޓީމުގައި ވެސް ހިމެނޭ ދުވުންތެރިއެކެވެ. އޭނާ އަކީ 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 10,000 މީޓަރު ދުވުމުން ރާއްޖެއަށް ލޯ މެޑެލް ހޯދައިދިން ދުވުންތެރިޔާއެވެ. އެ ގޭމްސްގައި އޭނާ ވަނީ ގައުމީ ރެކޯޑު ވެސް އާކޮށްފައެވެ.