26 Feb 2017, 15:59
މިއަދު ހެނދުނު ށ. މިލަންދޫ ފަޅުތެރެއިން ހިފި ރިތްމަސް އައިނުން ގެއަކަށް 50 އަށް ވުރެން ގިނަ މަސް ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
މިލަންދޫ ހުޅަނގު ފަރާތު ފަޅުތެރެއަށް ވަތް ރިތް މަސް އައިނުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނިކުމެ ދާ ޖަހައިގެން ހިފައިފަ އެވެ. 'ސަން' އާ ވާހަކަ ދައްކަމުން މިލަންދޫ ކައުންސިލްގެ ނައިބް ރައީސް ހުސެން ޔަޒްމީން ވިދާޅުވީ އެކި ފަހަރުމަތިން ދާ އަޅައިގެން 15،000 އަށް ވުރެން ގިނަ ރިތް މަސް ހިފާފައިވާ ކަމަށެވެ.

މިއަދު ހެނދުނު މިލަންދޫއަށް ވަތް ރިތްމަސް އައުނު ހިފުމަށް އެ ރަށުގެ ރައްޔިތުން ހަރަކާތްތެރި ވަނީ ---
"ރަށުގެ ގިނަ ރައްޔިތުންނާއި ބިދޭސީން ވެސް އެކުލެވޭ ގޮތަށް ދާ އެޅުމުގައި ހަރަކާތްތެރިވެފައި ވަނީ. ވަރަށް އެއްބައިވަންތަކަމާ އެކު ވަނީ މަސް ހިފައި ބައިބަޔަށް އަޅާ ބަހާލާފައި" ޔަޒްމީން ވިދާޅުވިި އެވެ.
ޔަޒްމީން ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި ކޮންމެ ގޭ ބިސީއަކަށް 50 އާ ގާތްކުރާ އަދަދަކަށް ނުވަތަ އެއަށް ވުރެން ވެސް ގިނައިން ރިތް މަސް ލިބިފައިވާނެ ކަމަށެވެ.

މިއަދު ހެނދުނު މިލަންދޫއަށް ވަތް ރިތްމަސް އައުނު ހިފުމަށް އެ ރަށުގެ ރައްޔިތުން ހަރަކާތްތެރި ވަނީ ---
"އާންމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ދެފަހަރު ނުވަތަ ތިން ފަހަރު މި ރަށަށް ވަދޭ މި ކަހަލަ މަސް އައިނެއް. މިއީ މިއަހަރު ވަތް އަދި ފުރަތަމަ ފަހަރު. އެއްވެސް ކަހަލަ ބަލިކަމެއް ވެސް ނެތް މަސްތަކުގައި،" ޔަޒްމީން ވިދާޅުވި އެވެ.
އާބާދީގައި 2500 އެއްހާ މީހުން ދިރިއުޅޭ މިލަންދޫއަށް މިއަދު ވަތް ރިތް މަސް އައިނުގެ މަހެއްގެ ދިގު މިނުގައި ފޫޓެއް ވަރު ހުންނާނެ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ކެއުމުގެ ކަންތައް އެ މަހުން ހަމަޖައްސާލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.