ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނާއި ޑަސްބިން ފޯރުކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައި އެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީ ހުޅުމީދޫ އަދި ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ އަށް ރަށަކަށް ކުނި މެނޭޖް ކުރަން ބޭނުންވާ ސާމާނާއި ޑަސްބިން ފޯރުކޮށްދިނުމަށް، އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިއަދު އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ސަޢީދެވެ.

ދެކުނުގެ ބައެއް ރަށްރަށަށް ކުނިމެނޭޖް ކުރަން ބޭނުންވާ ސާމާނައުި ޑަސްބިން ފޯރުކޮށްދިނުމަށް އެންޓްރާންސް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަރަމަންޓް މިނިސްޓަރު ޠޯރިގު އިބްރާހީމް ވިދާޅުވީ، އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ފުވައްމުލަކު ސިޓީގެ އެ މަސައްކަތަށް 495،000 ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އެ ތަކެތި 32 ދުވަހުގެ ތެރޭގައި އެ ރަށްރަށުގައި ގާއިމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ހުވަދު އަތޮޅުގެ އަށް ރަަށަށް ޑަސްބިނާއި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމަށް 949،000 ރުފިޔާ ހަރަދުވާނެ ކަމަށާއި އެ އަށް ރަށުގެ މަަސައްކަތް ވެސް 32 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޠާރިގު ވިދާޅުވި އެވެ.

ހުވަދުު އަތޮޅުން ޑަސްބިނާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ އަށް ރަށަކީ ގއ.މާމެންދޫ، ގއ.ކޮނޑޭ، ގދ.ހޯދެއްދޫ، ގދ.ނަޑެއްލާ، ގދ.ފިޔޯރި، ގދ.ފަރެސްމާތޮޑާ، ގދ.ވާދޫ ގެ އިތުރުން ގދ.ގައްދޫ އެވެ.

އޭގެ އިތުރުން، މިއަހަރުގެ ތެރޭގައި ގއ. އަދި ގދ. އަތޮޅުގެ ބާކީ ހުރި ރަށްތަކުގެ ކުނި މެނޭޖެ ކުރާ ތަންތަން ހުޅުވައި އެ ތަންތަނަށް ވެސް މިފަދަ ސާމާނުތައް ފޯރުކޮށްދޭނެ ކަމަށް ޠޯރިޤް ވިދާޅުވި އެވެ.