މެލޭޝިޔާގެ ނެކްސްޒިބްއާ ހަވާލުކޮށްފައިވާ ބޯޑާ ކޮންޓްރޯލް ގާއިމްކުރުމުގެ ޕްރޮޖެކްޓް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އަންގާފައިވާ ގޮތަށް ހުއްޓާލާފައިނުވާތީ އެ ކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމަށް އޭސީސީން ނިންމައިފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ކޮމިޝަނުން އަންގާފައިވަނީ އެ ޕްރޮޖެކްޓުގައި ހުރި ކަންތައްތަކެއް އިސްލާހުކުރުމަށްފަހު އަލުން ބިޑަށް ލައިގެން ކުރިއަށްގެންދިއުމަށް ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ކެބިނެޓުން ނިންމައިގެން އަދިވެސް ނެކްސް ބިޒްއާއެކު ކުރިއަށް ގެންދަނީ އެ ކޮމިޝަނުގެ ނިންމުމާ ހިލާފަށް ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

އަދި ޝަރުއީ ކޯޓަކުން އޭސީސީގެ ނިންމުން ބަދަލުނުކުރާހާ ހިނދަކު އެ ކޮމިޝަނުގެ ނިންމުމަށް އަމަލުކުރަން ޖެހޭނެ ކަމަށާއި އެ މަގު އިހުތިޔާރު ނުކޮށް ކުރިންވެސް އޮތް ގޮތަށް ޕްރޮޖެކްޓް ކުރިއަށްގެންދިއުމުން ބޮޑެތި މައްސަލަތަކެއް ނުކުންނާނެ ކަމަށް ފެންނާތީ ކޯޓަށް މައްސަލަ ވެއްދުމަށް ނިންމީ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"މިހާރު ސޮއިކޮށްފައި އޮތް އެގްރިމެންޓްގެ ސަބަބުން ނުކުމެދާނެ ބޮޑެތި ގޮންޖެހުންތަކެއް، އަދި މައްސަލަތަކެއް ވެސް ފާހަގަކޮށްފައި ހުންނާނެ. އެހެންވީމަ މިކަންތައް މިހެން އޮއްވާ ކުރިއަށް ގެންގޮސްފި ކަމަށްވަންޏާ މައްސަލަތަކެއް ނުކުމެދާނެ ކަމަށް ފާހަގަކުރެވޭތީ ކޮމިޝަނުން އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށަހަޅާ ގޮތަށް ހަމަޖެހިފައި މިއޮތީ،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތް އޭސީސީގެ ގާނޫނީ ޓީމުން ކުރަމުންދާ ކަމަށާއި ވީހާވެސް އަވަހަކަށް އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ، އޭސީސީއާ އިމިގްރޭޝަނާ މެދު މަޝްވަރާކުރެވެމުންދާ ކަމަށާއި އެކޮމިޝަނުގެ ނިންމުމާ އެއްގޮތަށް އަމަލުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އެ މަސައްކަތް އިމިގްރޭޝަނާ ހަވާލުކުރުމަށްފަހު އަނެއްކާ އެންސީއައިޓީއާ ސަރުކާރުން ހަވާލުކުރުމުން، އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ފެންނަ ކަމަށް ވެސް އޭސީސީގެ ނައިބު ވިދާޅުވި އެވެ.

"ދައުލަތުގެ އިދާރާތަކުގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. އެހެންވީމަ މީގައި އެންމެ ރަނގަޅު ގޮތަކީ ކޯޓުން ހައްލެއް ހޯދުން ކަމުގައިވާތީ މިގޮތަށް ކުރިއަށްގެންދަން ނިންމީ." މުއައްވިޒު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިމިގްރޭޝަނުން 37 މިލިއަން ޑޮލަރަށް މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކުރި ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް އެކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ އޭސީސީން އެ މަސައްކަތް ހުއްޓާލަން އެންގީ ޖެނުއަރީ 24، 2011 ގަ އެވެ.

އޭސީސީން އޭރު އިމިގްރޭޝަނަށް އަންގައިފައިވަނީ އެ ޕްރޮޖެކްޓުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަރާތުން "ނިންމާ ނިންމެވުންތަކާ އެއްގޮތަށް އާރްއެފްޕީ )ރިކުއެސްޓް ފޯ ޕްރޮޕޯސަލް( ތައްޔާރުކުރައްވައިގެން، އަލުން ބިޑް ކުރައްވައިގެން ކުރިއަށް ގެންދެވުމަ"ށެވެ.