26 Feb 2017, 14:31
މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރ. އޮތޮޅު މީދޫ ޓީމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ބައެއް ކުލަބުތަކަށް ކޯޗުކަން ކޮށްދީފައިވާ މުހައްމަދު ޝާޒްލީ (ޝާޒް) އެޓީމާއި އެކު މަސައްކަތް ކުރަންފަށައިފިއެވެ.
ރ. މީދޫ ކައުންސިލް މެމްބަރު އިބްރަހީމް ހަސަން ވިދާޅުވީ، މީދޫން މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށާއި މުބާރާތް ކާމިޔަބުކުރުމަށް ބޭނުންވާނެ ހުރިހާ ކަމެއް އެރަށު ޓީމަށް ފަހި ކޮށްދެމުންދާކަމަށެވެ.
އިބްރާހިމް ވިދާޅުވީ، މި މަސައްކަތުގެ ދަށުން ޓީމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ ޖުމުލަކޮށް މުޅި މީދޫގެ ފުޓްބޯޅަ ކުރިއަރުވައި، ހަރުދަނާ ކުރުމަށް ތަޖްރިބާކާރު ކޯޗު މުހައްމަދު ޝާޒްލީއަށް އެރަށުން ދައުވަތު ދީފައިވާނެކަމަށާއި އެ މަސައްކަތް ކުރުމަށް ޝާޒް ކޯޗު އެރަށުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.
"މީދޫ ޓީމުގެ ކޯޗެއްގެ ގޮތުގައެއް ނޫން، މީދޫ ފުޓްބޯޅަ ކުރިއަރުވައި މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރާ މީދޫ ޓީމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ޝާޒް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވަނީ،" އިބްރާހިމް ވިދާޅުވިއެވެ.
ސަން ސްޕޯޓްސްއަށް މައުލޫމާތު ދެމުން ވިކްޓަރީގެ ކުރީގެ ކޯޗު ޝާޒް ބުނީ، މިވަގުތު މީދޫ ޓީމަށް ބޭނުންވާ އެހީތެރިަކން ފޯރުކޮށްދިނުމަށް އެރަށުގައި މަސައްކަތް ކުރަމުން ގެންދާކަމަށާއި މީދޫ ޓީމަކީ މި މުބަރާތުގައި ރަނގަޅު ހިސަބަކަށް ދެވޭނެ ޓިމެއްކަމަށެވެ. އަދި އޭނާ ބުނީ ޓީމަށް އެހީތެރިކަން ފޯރު ކޮށްދީ ރަނގަޅު ކޮށްލަންޖެހޭ ބައެއް މުހިއްމު ކަންތައްތައް ކިޔައި ދިނުމަށް ޓީމާ އެކު މަސައްކަތް ކުރާނެކަމަށެވެ.
"ޖުމުލަ ގޮތެއްގަައި މީދޫ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑު އެހީތެރިކަން މި ފޯރުކޮށްދެނީ އެރަށު ޒުވާނުންގެ އެދުމަކަށް. މީދޫގަ އެބަތިބި ވަރަށް ހުނަރުވެރި ކުޅުންތެރިން އެ މީހުންނަށް ބޭނުންވަނީ ރަނގަޅު އިރުޝާދު،" މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ސްކޮޑު އެކުލަވައިލި ކޯޗު ބުންޏެވެ.
މީީދޫ ޓީމާ އެކު ޝާޒް މަސައްކަތް ކުރާ ދުވަސްތަކުގެ ތެރޭގައި އެޓީމުގެ ކުޅުންތެރިންގެ ފަރިތަ ކުރުންތަކުގައި ބައިވެރިވެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް އިރުޝާދު ދީ ރަނގަޅު ޓީމެއް އެކުލަވާލުމުގައި އެނާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިއަދު ހަވީރު އެރަށުން ހޮވާލެވިފައިވާ ދެޓީމުގެ ދެމެދުގައި ކުޅޭ މެޗު ޝާޒް ބަލާނެ ކަމަށާއި އެ މެޗަށް ފަހު ޓީމަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް ގެނައުމުގައި ޝާޒްގެ ލަފާ އެޓީމަށް ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޝާޒް ވަނީ ވިކްޓަރީގެ ހެޑް ކޯޗުގެ މަގާމުން ވަކިކޮށްފައެވެ. އޭނާ އެމަގާމުން ވަކިކުރުމާ ގުޅިގެން ޝާޒް ވަނީ ވިކްޓަރީގެ މެނޭޖްމަންޓުން އެކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އޭނާއަށް ފަހު އެމަގާމަށް ގެނައި އަލީ ސުޒޭނަށް ވެސް ޝާޒް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.