26 Feb 2017, 14:05
މީސްލްސް ނުވަތަ ހިމަބިހި ރާއްޖެއިން ނައްތާލުމަށް ހިންގާ ދެ ހަފްތާގެ ގައުމީ ކެމްޕޭން މިއަދު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އެ ކެމްޕޭން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ކެމްޕޭން ފެށުމަށްފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ރާއްޖެއިން ހިމަބިހި ނައްތާލުމަށްޓަކައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ވެކްސިން ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ސަރުކާރުން މިއަދު ފެށި ގައުމީ ކެމްޕޭނުގެ ދަށުން، 70،000 އެއްހާ ރައްޔިތުންނަށް އެމްއާރު (މީސަލްސް އެންޑް ރުބެއްލާ) ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ގާތްގަނޑަކަށް ނުވަ އަހަރު ކުރިން، 2008 ވަނަ އަހަރުވެސް އެމްއާރު ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނެއް ރާއްޖޭގައި ހިންގިއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މީސަލްސްއިން ފުރިހަމައަށް ރައްކާތެރިވުމަށްޓަކައި އެ ވެކްސިންގެ ދެ ޑޯޒެއް ބޭނުންވެއެވެ. އަދި ވެކްސިންގެ ދެ ޑޯޒް ޖެހުމަކީ ސިއްހީ ގޮތުން މައްސަލައެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
އަދި ވެކްސިން ޖެހުމަށް ދެކޮޅު ހަދައި، ނުވަތަ ކަންބޮޑުވުންތައް ހުރި ފަރާތްތަކަށް މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ކައުންސެލިންގްވެސް ދޭނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، މާޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕޭނުގައި ވެކްސިން ޖަހާނީ ރާއްޖޭގައި ދިރިއުޅޭ، ދިވެހީންނަށް އެކަންޏެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރާއްޖޭގެ މަންދޫބު ޑރ. އަރްވިންދު މާތުރު ވިދާޅުވީ އެމްއާރު ވެކްސިނެއްގެ ކޮންމެ ޑޯޒެއްގެ އަގަކީ ގާތްގަނޑަކަށް 0.7 ޑޮލަރެވެ.
އޭނާ ވިދާޅުވީ ވެކްސިން ގަތުމަށް ބޭނުންކުރާ ކޮންމެ ޑޮލަރަކީ، ފަހުން ކުރަންޖެހޭ ޚަރަދުގެ 10 ޑޮލަރު ސަލާމަތް ކޮށްދޭ ޚަރަދެއް ކަމަށެވެ.
"އެހެންކަމުން، ރައްކާތެރިވުމަކީ މީހާގެ ސިއްހަތަށް ހުރި ފައިދާއެއް ނޫން. ރައްޔިތުންނާއި ގައުމުގެ މުއްސަނދިކަންވެސް އިތުރުކޮށްދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.