ކުރީގެ ރައީސް މައުމޫން އަބަދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ދިނުމަށް ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީނަށް މަޖުބޫރު ކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ އަބްދުﷲ ރިޔާޒު މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ފޮނުވި ސިޓީ ގައި ބުނެފަިއވަނީ ޒައިދުލް އަމީން ނެރުނު ބަޔާނެއްގައި ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ބަޔާނެއް ދޭން ފުލުހުން ޒައިދަށް މަޖުބޫރުކުރި ކަމުގެ ތުހުމަތުތަކެއްވެސް ކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު އޮންނަން ޖެހޭ ފަދަ ހިދުމަތެއްކަމަށާއި އެހެންކަމުން އެމައްސަލަ ބަލައިދިނުމަށް ރިޔާޒު ވަނީ އެދިވަޑައިގެންފައެވެ.

ޒައިދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެއްލިގެން އުޅޭ ޕީޕީއެމްގެ ހާޑްޑިސްކުތައް ހުރީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުގައި ކަމަށް ބުނުމަށް ފުލުހުންގެ އެދިފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ގެންދަވަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުން ކަމުގައި ބުނެ ބަޔާނެއް ދިނުމަށް ތަހުގީގުގައި ފުލުހުން އެދިފައިވާ ކަމަށެވެ.

ޒައިދު ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ. ގޭބަންދުގައި ބެހެއްޓުމަށް ފަހު އަނެއްކާވެސް އޭނާ ވަނީ ފުލުހުންގެ ބައްދައް ބަދަލުކޮށްފައެވެ.