26 Feb 2017, 16:40
އަންހެނުންގެ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު، "ވިޝްކާ" ޕްރިމިއާ ކުރުމުގެ ކުރިން ބެލުންތެރީންނަށް ފިލްމުގެ އެންމެ ފަހު ޓްރެއިލާ ރޭ ދޫކޮށްލައިފިއެވެ.
ޔާރާ ޕްރޮޑަކްޝަން އިން ގެނެސްދޭ "ވިޝްކާ" އިން މީގެ ކުރިން ފިލްމުގެ މައި ތިން ކެރަކްޓަރު ދައްކުވައިދޭ ޓްރެއިލާތަކެއް އާންމު ކުރި ނަމަވެސް މިފަހަރުގެ ޓްރެއިލާ އިން ފިލްމުގެ އެހެން ތަރިންވެސް ފެނިގެންދެއެވެ.
އަދި އިނގިރޭސި ބަހުން ސަބްޓައިޓަލްއާއެކު އަޅުވާ އެ ފިލްމުގެ ފަހު ޓްރެއިލާގައި ވެސް އިނގިރޭސި ބަހުން ސަބްޓައިޓަލް އަރުވައެވެ.
ކްރައިމް ތްރިލާއަކަށް ހަދާފައިވާ "ވިޝްކާ"ގެ ފަހު ޓްރެއިލާ ފެށިގެން އަންނަނީ މާރާމާރީއެއްގައި މަރާލި މީހެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކުރި ވާހަކައިގެ ސުރުހީއާ އެކުގައެވެ. ދެން ފެނިގެން ދަނީ މަރާމާރީތަކާއެކު ލޭ އޮހޮރުވާލާ މަންޒަރުތަކެކެވެ.
އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމު "ވިޝްކާ"ގެ ޕްރޮޑިއުސަރު އަދި މަޝްހޫރު އެކްޓަރު ރިޝްމީ ބުނީ ފިލްމުގެ އެންމެ ފަހު ޓްރެއިލާ އަށްވެސް ބެލުންތެރިންގެ ތަރުހީބު ލިބެމުންދާ ކަމަށެވެ.
"މި ޓްރެއިލާ އަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އެބަ ލިބޭ. ބައެއް މިހުން ގުޅާފަ އެބަ ބުނޭ ގައިން ހީބިހި ނަގައިގެން ދާވަރު ވެޔޭ. ފިލްމު އެއްކޮށް ބަލާލަން ވަރަށް ބޭނުމޭ،" ރިޝްމީ ބުންޏެވެ.
ފިލްމުގެ ޑައިރެކްޓަރު ރަވީ ފާރޫގުގެ ހުނަރުން ފުރިގެންވާ އެކްޓެއް "ވިޝްކާ" އިން ފެނިގެން ދާނެއެވެ. ރަވީއާއެކު ދެން ފެނިގެންދާނީ ކުޅަދާނަ ބަޠަލާ ރިޝްމީ އާއި އެކްޓަރު އަހުމަދު ސައީދެވެ.
ޝްވެކް ސިނަމާގައި އަޅުވާ ފުރަތަމަ ދިވެހި ފިލްމު، "ވިޝްކާ"ގެ ޓިކެޓްގެ ސޭލްސް ވެސް ވަރަށް ރަނގަޅު ކަމަށް ވެސް ރިޝްމީ ބުންޏެވެ.
އަންނަ މަހުގެ 8-16 އަށް ޝްވެކްގައި ފިލްމު އަޅުވަން ހަމަޖެހިފައިވާއިރު، ބެލުންތެރީންގެ ތަރުހީބު ލިބޭ ވަރަކުން ޝޯ ތައް އިތުރު ކުރަން ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅު ތެރޭގެ އާބާދީ ބޮޑު ރަށް ރަށުގައިވެސް ފިލްމް އަޅުވަން ހަމަޖެހިފައިވާ ކަމަށް ރިޝްމީ ބުންޏެވެ.
ފިލްމު އަޅުވަން ކުޑަތަންވެފައި ވާއިރު މި ފިލްމުގެ މިލްކުވެރިކަމުގެ މައްސަލައިގައި، މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ކޯޓަށް ދާނެ ކަމަށް ބުނާ މައްސަލަ ވަނީ ހޫނުވެފައެވެ. ނަމަވެސް ރިޝްމީ ބުނަނީ މި ފިލްމުގައި އެހެން މީހެއްގެ ހިއްސާއެއް ނޯންނާނެ ކަމަށާއި ކޯޓަށް ދާން ހުށަހެޅުމުން ކޯޓަށް ދާން ތައްޔާރަށްވެސް ހުރި ކަމަށެވެ.