ސެސް ފަބްރިގާސް އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 300 ވަނަ މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑާއެކު ސްވަންސީ ސިޓީގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދައި ލީގު ތާވަލުގައި ޗެލްސީން 11 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުގެ ނަތީޖާއާ އެކު، ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ، ޖުމުލަ 26 މެޗުން 63 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން 25 މެޗުން 52 ޕޮއިންޓް ހޯދާފައިވާއިރު ތިން ވަނައިގައި އޮތް ޓޮޓެންހަމްއާއި ހަތަރު ވަނައިގައި އޮތް އާސެނަލަށް 25 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެ މެޗުގެ 19 ވަނަ މިނިޓްގައި އެޓީމުން މެޗުގެ ލީޑު ހޯދީ، ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފަބްރިގާސް ކާމިޔާބުކުރި ލަނޑުންނެވެ.

މިއީ، 2003 ވަނަ އަހަރު އާސެނަލް އާ ގުޅުނު މިހާރު އުމުރުން 29 އަހަރު ގެ ފަބްރިގާސް 2011 ވަނަ އަހަރު އެ ކްލަބު ދޫކޮށް، ބާސެލޯނާގައި ސީޒަނެއް ހޭދަކުރުމަށް ފަހު 2014/2015 އެނބުރި ޕްރިމިއާ ލީގުގަށް އައިސް ޗެލްސީއާ ގުޅުމަށްފަހު އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. އަދި ޕްރިމިއާ ލީގުގައި މިހާތަނަށް އޭނާ ކާމިޔާބުކުރި 46 ވަނަ ލަނޑެވެ.

ޗެލްސީން މެޗުގެ ކުރި ހޯދި ނަމަވެސް، ފުރަތަމަ ހާފް ނިމުމުގެ ކުރީން ސްވަންސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސެޓްޕީސްއަކުން ގިލްފީ ސިގާޑްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސުވަންސީއަށް ލަނޑު ޖަހައި ދިނީ ފެނާންޑޯ ލޮރެންޓޭއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން، މެޗުގެ 72 ވަނަ މިނިޓްގައި ޗެލްސީއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ޕެޑްރޯއެވެ. ސްވަންސީގެ ޕެނަލްޓީ އޭރިޔާގެ ތެރޭން ފަބްރިގާސް، ޕެޑްރޯއަށް ޖައްސާލި ބޯޅަ ގޯލްތެރެއަށް އޭނާ ފޮނުވާލީ ވަރަށް ރީތިކޮށެވެ.

ޑިއެގޯ ކޮސްޓާ ރޭގެ މެޗުގައި ޗެލްސީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނުމަށް ފަހު ޗެލްސީގެ ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ. ސްވަންސީއަތުން ޗެލްސީ މޮޅުވީ 3-1 ލަނޑުން-- ފޮޓޯ: އޭޕީ

ޗެލްސީގެ ތިން ވަނަ ލަނޑު ފެނިގެން ދިޔައީ، މެޗުގެ 84 ވަނަ މިނިޓްގައެވެ. އެޑެން ހަޒާޑް ސްވަންސީގެ ޑިފެންސްލައި ބީޓްކުރުމަށް ފަހު ބޯޅަހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލީ ޑިއެގޯ ކޮސްޓާއެވެ. މިއީ ޗެލްސީގެ ސްޕެއިން ފޯވާޑް މި ސީޒަންގައި ޗެލްސީއަށް ކާމިޔާކޮށްދިން 16 ވަނަ ޕްރިމިއާ ލީގު ލަނޑެވެ.

ސްވަންސީގެ މައްޗަށް އެންޓޯނިއޯ ކޮންޓޭގެ ޓީމުން މި ހޯދި ކާމިޔާބީއަކީ ޗެލްސީން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ކޮންޓެ ބުނީ، އޭނާގެ ޓީމުން ވަނީ، މޮޅުވުން ހައްގު ކުޅުމެއް ދައްކާފައި ކަމަށާއި، މިހާރު ހުރިހާ ކުޅުންތެރީންވެސް ވިސްނުން ބަހައްޓަންވީ ކުރިއަށް ހުރި މެޗުތައްވެސް ކާމިޔާބުކުރުމަށް ކަމަށެވެ.

"އަހަރެމެން ރަނގަޅަށް ކުޅުނިން، މިއީ ރަނގަޅު ޕާފޮމަންސެއް ފެނިގެން ދިޔަ މެޗެއް. ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކުރެވުނު. އެހެން ނަމަވެސް ނަސީބު ކަންދިމާކުރި ގޮތުން ފުރަތަނމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ވަނީ. އެހެން ނަމަވެސް ދެވަނަ ހާފްގައި އަހަރެމެން ވާނީ ވަރުގަދަ ކުޅުމެއް ދައްކާފައި،" ކޮންޓޭ ބުންޏެވެ.

ސްވަންސީގެ ކޯޗު ޕޯލް ކްލެމަންޓް ބުނީ، އެއްވެސް މެޗަކުން ބަލިވެއްޖެ ނަމަ މާޔޫސް ވާނޭ ކަމަށެވެ. އެހެން ނަމަވެސް ޗެލްސީއަކީ ވަރުގަދަ ޓީމެއް ކަމަށާއި އަދި އޭނާގެ ޓީމުން ރޭގެ މެޗުގައި ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅުނު ކަމަށްވެސް ކްލެމަންޓް ބުންޏެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކްރިސްޓަލް ޕެލަސްއިން މިޑްލްބަރާގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދި އިރު، އެވަޓަން ވަނީ 2-0 އިން ސަންޑަލޭންޑް ބަލިކޮށްފައެވެ. އަދި ވެސްޓް ބްރޮމް 2-1 ލަނޑުން ބޯންމައުތު އަތުން މޮޅުވި އިރު، ހަލް ސިޓީއާއި ބާންލީ، އަދި ވޮޓްފޯޑް އާއި ވެސްޓްހޭމް ބައްދަލުކުރި މެޗުތައް ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.