26 Feb 2017, 12:52
ހޮރައިޒަން ފިޝަރީޒް އިން ހިންގާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ދަޅުގައި ބަންދުކުރާ މަހަށް ފެއާ ޓްރޭޑް ސެޓްފިކެޓާއި، މެރިން ސްޓުވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓްފިކެޓް ލިބިއްޖެ އެވެ.
ފެއާ ޓްރޭޑް ސެޓްފިކެޓާއި އެމްއެސްސީ ސެޓްފިކެޓް ހޮރައިޒަން އަށް ލިބިފައިވާ އިރު، އެކުންފުނި ވެގެން ގޮސްފައި ވަނީ ދުނިޔެއިން އެންމެ ފުރަތަމަ އެ ދެ ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ކުންފުންޏެވެ.
އެމްއެސްސީ ސެޓްފިކެޓަކީ، ތިމާވެއްޓާ ގުޅުންހުރި، ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމުން ލިބޭ ސެޓްފިކެޓެކެވެ. އަދި ފެއާ ޓްރޭޑަކީ، މުވައްޒަފުންނަށް ލިބޭ ފައިސާއާއި މުވައްޒަފުން ދިރިއުޅޭ ހާލަތަށް ބެލުމަށް ފަހު ދޭ ސެޓްފިކެޓެކެވެ.
ފެއާ ޓްރޭޑް ސެޓްފިކެޓުގެ ސަބަބުން، މަސްވެރިންގެ އަތުން އެކުންފުނިން ގަންނަ މަހަށް ދޭ އަގުގެ އިތުރުން އިތުރު ތިން ޕަސަންޓު ސީދާ މަސްވެރިންނަށް ލިބޭނެ އެވެ.
އެ ސެޓްފިކެޓް ލިބުން ފާހަގަ ކުރުމަށް ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ސަރުކާރުން މަސްވެރިންނާއި ގުޅިގެން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ، މަސްވެރިން ބާނާ މަހުގެ އަގު އިތުރަށް ފުޅާ ކުރުމަށްޓަކައި، އެހެން ޕްރޮޑަކްޓް ތަކަށްވުރެ ކުރީގައި ރާއްޖޭގެ ޕްރޮޑަކްޓުތައް އޮތުން ކަމަށެވެ.

މިނިސްޓަރު ޝައިނީ ވަނީ، އެހެން ކުންފުނިތަކުން ވެސް އެ ޕްރޮގްރާމުގައި ބައިވެރިވެނޭނެ ގޮތް ހައްދަވައިދިނުމަށް ކުންފުނިތަކަށް ޑީމާންޑު ކުރުމަށް ގޮވާލާފަ އެވެ.
ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދްނާން އަލީ ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ، ސަރުކާރުގެ ޕޮލިސީއާއި އެއްގޮތަށް މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ލިބޭނެ ގޮތްތައް ހޯދުމަށް ކަމަށާއި، އެގޮތުން ފެއާޓްރޭޑް ސެޓްފިކެޓް ލިބުމަކީ، ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
"ފެއާ ޓްރޭޑް ސެޓްފިކެޓް ހޯދުމުގެ ފައިދާ އަކީ، މި ލޯގޯގައި އަޅުގަނޑުމެން އެކްސްޕޯޓު ކުރުމުން މަސްވެރިންގެ އަތުން އަޅުގަނޑުމެން ގަންނަ މަހަށް، އަޅުގަނޑުމެން މިދޭ އަގުގެ އިތުރު ތިން ޕަސަންޓު، ސީދާ މަސްވެރިންގެ އެކައުންޓަށް އެ ގަންނަ ފަރާތުން ފޮނުވައިދޭނެ،" އަދްނާން ވިދާޅުވި އެވެ.
ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދުނާން އަލީ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަދުނާން ވިދާޅުވީ އެ ސުކީމުގައި އަދި މިހާތަނަށް ތިން ރަށެއް ބައިވެރި ކޮށްފައިވީ ނަމަވެސް އިތުރު ރަށްތައް އެ ސްކީމުގައި ހިމެނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ސްކީމުގައި މިހާތަނަށް ބައިވެރިކޮށްފައިވަނީ، ހައްދުންމަތީ ގަމާއި، ކުނަހަންދޫގެ އިތުރުން ހަމަ އެއަތޮޅުގެ ހިތަދޫ އެވެ.
އަދުނާން ވިދާޅުވީ، އެސްކީމުގައި ބައިވެރިވެގެން މަސްވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި، އޭގެ ބަދަލުގައި ވާނީ ފައިދާ ކަމަށެވެ.
"މި ސުކީމުގެ ތެރެއަށް ވަންނަ މަސްވެރިންނަށް ވަކި ރެސްޓްރިކްޝަނެއް ނާންނާނެ. ކޮންމެ ފަރާތަކަށް (ކުންފުންޏަކަށް) ވެސް މަސް ވިއްކޭނެ،" އަދުނާން ވިދާޅުވި އެވެ.
މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ފެއާޓްރޭޑް ލޯގޯ ޖަހާފައިވާ މަސްދަޅުގައި، ބާކޯޑު (ކިއުއާރު ކޯޑު) ހިމެނޭ އިރު، އެކޯޑު ސްކޭން ކުރުމުން އެއީ ކޮން ރަށެއްގެ ކޮން ދޯންޏަކުން ބާނާފައި ހުރި މަހެއްކަން އެނގޭނެ އެވެ.