މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާގެ ކާފަ ނިޔާވުމާ ގުޅިގެން ކާފަގެ ޖަނާޒާގައި ބައިވެރިވުމަށް، ފްރާންސަށް ދިއުމަށްފަހު އެނބުރިއައިސް މިއަދު އޭނާ ޔުނައިޓެޑްގެ ސްކޮޑާ ގުޅޭނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަޓާ އެނބުރިއައިސް މިއަދު ޓީމާ ގުޅުނު ނަމަވެސް، ސައުތެމްޓަނާ ދެކޮޅަށް މިއަދު ވެމްބްލީ ސްޓޭޑިއަމްގައި ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވާ އިނގިރޭސި ފުޓްބޯޅަ ލީގު ކަޕް ފައިނަލްގައި މަޓާ ފެނިދާނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ގޯލް ޑޮޓްކޮމްއިން ބުނެއެވެ.

ޔުނައިޓެޑްގެ ޓީމް މިއަދު ލަންޑަނަށް ދަތުރުކުރި މަންޒަރު ދައްކުވައިދޭ ފޮޓޯތައް އެ ކްލަބުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހިއްސާކޮށްފައި ވާއިރު، އެ ފޮޓޯތަކުން މަޓާ ނުފެންނާތީ، ކްލަބުގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލީގު ކަޕް ފައިނަލްގައި ޔުނައިޓެޑްގެ ޓީމުން މަޓާ ނުފެނުނު ކަމުގައި ވީ ނަމަވެސް، މިސީޒަންގެ މިހާތަަނަށް އެޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދީފައިވާ ޕްލޭމޭކަރ، މެޗު ފެށެންވާއިރަށް ޓީމާ ގުޅޭނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފައިނަލް މެޗަށް މަޓާ ޓީމާ ގުޅުނު ނަމަވެސް، ޔުނައިޓެޑްގެ އަރްމީނިއާ މިޑްފީލްޑަރުހެންރިކްމިކިތާރްޔަންއަށް އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ކުޅެވޭނޭކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް އޭނާގެ ބަދަލުގައި މައިކަލް ކެރިކް ހުންނާނެއެވެ. އަދި ކޯޗު ހޯޒޭ މޮރީނިއޯ ވަނީ، ފައިނަލް މެޗަށް ނެގި ޓީމް ސްކޮޑްގައި ކެޕްޓަން ވޭން ރޫނީވެސް ހިމަނައިފައެވެ.

މި ސީޒަންގެ ދެވަނަ ޓްރޮފީއަށް ޔުނައިޓެޑް މިސްރާބު ޖަހާފައި ވާއިރު، މިދިޔަ އޯގަސްގައި އެޓީމު ވަނީ، އެންމެ ފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން ލެސްޓާ ސިޓީ 2-1 ބަލިކޮށް މި ސީޒަންގެ ކޮމިއުނިޓީ ޝީލްޑް ހޯދައިފައެވެ.