26 Feb 2017, 09:44
އދ. މަޖިލިސް(ފެބްރުއަރީ 26): ސޫރިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ މަސައްކަތްކުރާ ގަރާރާ ދެކޮޅަށް ވީޓޯގެ ބޭނުންކުރާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.
އދ.ގައި ހުންނަވާ ރަޝިޔާގެ ދާއިމީ މަންދޫބުގެ ނައިބު ބިޔުޓާ އިލިޗޯވް ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ މަސައްކަތްކުރާ ގަރާރަކީ ސާބިތު ހެކިތަކެއްގެ މައްޗަށް ބިނާވެފައިވާ ގަރާރެއް ނޫންކަމަށާ އެއީ ސިޔާސީ ބޭނުމެއްގައި ފާސްކުރަން އުޅޭ ގަރާރަކަށްވާތީ އެގަރާރާ ދެކޮޅަށް ރަޝިޔާއިން ވީޓޯގެ ބޭނުންކުރާނެކަމުގައެވެ.
އެމެރިކާ އިސްވެ އޮވެގެން ހުށަހެޅި މިގަރާރަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ތާއީދު ލިބިފައިވެއެވެ. މިގަރާރުގެ ދެލިކޮޕީ ގޮވާލަނީ ސޫރިޔާ ސިފައިން އެގައުމުގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާތީ ސޫރިޔާ އާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމަށެވެ. މީގެއިތުރުން މިމައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ވެއްދުމަށްވެސް މިގަރާރުގެ ދެލިކޮޕީ ގޮވާލައެވެ.
ސޫރިޔާއާ ދެކޮޅަށް ފާސްކުރާ ގަރާރާ ބެހޭގޮތުން އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ނިކީ ހަލޭ ވިދާޅުވީ ވޯޓަށް އެހުމަށްޓަކައި އެގަރާރުގެ ދެލިކޮޕީ މިއަދު ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމުގައެވެ. އަދި ރަޝިޔާ ރުއްސުމަށްޓަކައި އެގަރާރުގެ ދެލިކޮލީއަށް ބަދަލެއް ގެންނަން ގަސްދު ނުކުރާކަމަށްވެސް ހަލޭ ވިދާޅުވިއެވެ.
ސޫރިޔާ އާ ދެކޮޅަށް ފާސްކުރުމަށް ފަސް ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ފާއިތުވި ހަތަރު އަހަރުތެރޭގައި ހުށަހަޅާފައިވެއެވެ. މިހުރިހާ ގަރާރުތަކާ ދެކޮޅަށްވެސް ރަޝިޔާއާއި ޗައިނާ ވަނީ ވީޓޯގެ ބޭނުންކޮށް އެގަރާރުތައް ބާތިލްކޮށް އެދެގައުމުގެ ބާރު އެމެރިކާއަށް ދައްކާލާފައެވެ. ރަޝިޔާއާއި ޗައިނާއަކީ ސަލާމަތީ މަޖިލީހަށް ހުށަހަޅާ ގަރާރުތައް ވީޓޯ ކުރުމުގައި އެމެރިކާއަށް އެއްވެސް ވަރަކަށް ބަލާ ދެ ގައުމެއްނޫނެވެ. އދ. ން ބޭރުގައިވެސް މިދެގައުމު ގެންދަނީ އެމެރިކާއަށް ފާޅުގައި ގޮންޖަހަމުންނެވެ. ރަޝިޔާއާއި ޗައިނާ މިސުލޫކާއެކު ބައިނަލްއަގްވާމީ މުޅިން އައު ނިޒާމެއް ދުނިޔެއަށް މިހާރު އުފަން ވަމުންދާކަމަށް ތަޖްރިބާކާރުން ދެކެއެވެ.
މީގެ އަށެއްކަ ވަރަކަށް އަހަރު ކުރިން ރަޝިޔާއާއި ޗައިނާ އަކީ އދ. ގައާއި ބައިނަލްއަގްވާމީ އެހެން މަހްފަލްތަކުގައިވެސް އެމެރިކާއަށް ގޮންޖަހާ ދެގައުމެއް ނޫނެވެ. މިދެގައުމު އެމެރިކާއަށް ގޮންޖަހަން ފެށީ އެމެރިކާ ދުނިޔޭގައި ފެށި ހަނގުރާމަތަކާ ގުޅިގެން އެމެރިކާ އިގްތިސާދީ ގޮތުން ބުރަހެލިވެ އެމެރިކާގެ ބާރާއި ނުފޫޒަށް ލޮޅުންއަރަން ފެށުމާއެކުގައެވެ.
ރަޝިޔާއާއި ޗައިނާގެ ގޮންޖެހުންތަކާއެކު ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާ އިތުރަށް ބަލިކަށިވެ އެމެރިކާގެ ބާރާއި ނުފޫޒު ވަނީ ފަހުގެ ތާރީޚެއްގައި ކުޑަނުވާމިންވަރަށް ކުޑަވެގެން ގޮސްފައެވެ. ސޫރިޔާގެ ހަނގުރާމައިންވެސް ވަނީ އެމެރިކާގެ ބަލިކަށިކަން ރަނގަނޅަށް ހާމަވެގެން ގޮސްފައެވެ. (ނޫސްއެޖެންސީތައް)