29 Jun 2011, 14:46
ކ. މާފުށީގައި ފުލުހުންގެ ޓްރެއިނިން ހަދަމުން ދިޔަ ލާންސް ކޯޕްރަލް ހަސަން އަޝްރަފް މަރުވީ ހާޓްއެޓޭކަށް ޖެހިގެން ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވި، އއ. ފެރިދޫ އަޝްރަފީގޭ ހަސަން އަޝްރަފް 30، ގެ މަރާބެހޭ ގޮތުން އޭނާގެ އަންހެނުން ޝެރީޒާ އަބްދުﷲ މިއަދު ވަނީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ. އޭނާގެ ބުނީ ފިރިމީހާ މަރުވީ ޕެންކްރިއާސް )ހަޖަމު ކުރާ ނިޒާމުގައި ހިމެނޭ ޗިސްމޭ( ދުޅަވެ، ފަޅައިގެންގޮސް، ކުއްލިގޮތަކަށް ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި މަރުގެ ރިޕޯޓްގައި ވެސް އެ ގޮތަށް ޑޮކްޓަރު ލިޔުއްވާފައިވާ ކަމަށެވެ. ފިރިމީހާގެ ޕެންކްރިއާސް ދުޅަވާން ދިމާވި ސަބަބަބެއް މަރުގެ ރިޕޯޓްގައި ބުނެފައި ނުވާ ކަމަށް ވެސް ޝެރީޒާ ބުންޏެވެ.
"ޕެންކްރިއާސް ދުޅަވެ ފަޅައިގެން ގޮސް ހާޓްއެޓޭކެއް ޖެހުނު ކަމަށް މަރުގެ ފޯމްގައި ބުނަނީ،"
ތިން އަހަރުގެ ކުއްޖަކު ވެސް ހުންނަ އަޝްރަފް މަރުވީ އައިޖީއެމްއެޗްގައި ފަރުވާދޭތާ ދެދުވަސްވީ ފަހުންނެވެ. އޭނާއަށް ފަރުވާ ދޭން ފެށީ މާފުށީގައި ފުލުސް ޓްރޭނިންއެއް ހަދަމުންދަނިކޮށް ގޭހުގެ މައްސަލައެއް ދިމާވެގެނެވެ. އަޝްރަފު މާލެ ގެނެސް ފުރަތަމަ ދައްކާފައިވަނީ އޭއެމްޑީސީ ކްލިނިކަށް ކަމަށް އާއިލާއިން ބުންޏެވެ.
ފުލުހުން ބުނީ މާފުށިން އަޝްރަފް މާލެ ގެނައީ ނޭވާލާން އުނދަގޫވާކަން ފާހަގަކުރެވިގެން ކަމަށެވެ. އަދި އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.