މީސީޒަނުގައި ތަށްޓެއް ހޯދުމުގެ އަޒުމުގައި މުބާރާތާ ކުރިމަތިލި ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް ގްރީން ސްޓްރީޓުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މާލޭ ލީގުގައި މިރޭ ކުޅުނު މެޗުންް ގްރީން ސްޓްރީޓް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެފައި ވަނީ މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ގްރީން ސްޓްރީޓުންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓީމުން ކުޅުނު އިރު ވިކްޓްރީ ގޯލަށް އެ ޓީމުން ވަނީ ނުރައްކާކޮށްފައެވެ. ވިކްޓަރީގެ ޑިފެންސް ލައިނުން ހެދި ގޯސްތަކުގެ ފައިދާ ނަގައި ގްރީން ސްޓްރީޓުގެ އަހްމަދު ރަޝީދު ވަނީ އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 22 މިނެޓުގައެވެ.

މެޗުގެ ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނީ ވިކްޓަރީއެވެ. ވިކްޓަރީން ވަނީ މިހާފުގައި ގްރީން ސްޓްރީޓް ކޮޅަށް ނުރައްކާކޮށްފައެވެ. ގްރީން ސްޓްރީޓްގެ ކުޅުންތެރިން މިހާފުގައި މެޗު ވަރަށް ބޮޑަށް ލަސްކޮށްގެން ކުޅުނު އިރު މިރޭ މެޗުގެ ރެފްރީ ޒައީމް އަލީ ވަނީ މެޗު ލަސްކުރަން މަސައްކަތް ކުރާ ކަމަށް ނިންމައި ގްރީން ސްޓްރީޓުގެ ކީޕަރު ޖަޕާނުގެ ޔުން ކޮޗީއަށް ރީނދޫ ކާޑު ދައްކާފައެވެ.

ވިކްޓަރީން މި ހާފު ނިމެންދެން ވެސް ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސްް ލިބުނު އެއްވެސް ފުރުޞަތެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭ ގޮތް ވަނީ ނުވެފައެވެ. ގްރީން ސްޓްރީޓުގެ ޑިފެންސް ލައިން ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ.

25 ފެބްރުއަރީ 2017: މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ގްރީން ސްޓްރީޓް ---ސަން ފޮޓޯ/ ފަޔާޒު މޫސާ

ލީގުގައި ހޯދުނު އެންމެ ފުރަތަމަ ކާމިޔާބީއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގްރީންސްޓްރީޓްގެ ޒުވާން ކޯޗު ސޮބާހް މުހައްމަދު ބުނީ އެ މެޗުގެ ނަތީޖާ ސާބިތު ކޮށްދިނީ ފުޓްބޯޅައިގައި މޮޅުވާނީ ނަމުން މަޝްހޫރު ޓީމު ނޫން ކަަމަށާއި މޮޅުވާނީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ޓީިމު ކަމަށެވެ. ސޮބާ ބުނީ މި މެޗުން މޮޅުވި ނަމަވެސް އަދި ވެސް އެ ޓީމަކީ މުބާރާތުގައި ވާދަކުރާ ޓީމު ތަކުގެ ތެރެއިން އެންމެ ދަށް ޓިމު ކަަމަށެވެ.

"މެޗާ ކުރިމަތިލީ ޕޮއިންޓެއް ނަމަވެސް ހިފައިގެން ދާން، މޮޅުވިޔަސް އަދިވެސް އަޅުގަނޑުމެން ޤަބޫލުކުރަނީ ގްރީން ސްޓްރީޓަކީ 8 ވަނަ ޓީމު ކަމަށް، މި މޮޅު ސެލެބްރޭޓް އެއްވެސް ނުކުރާނަން، ކުރިއަށް ދާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް،" ސޮބާ ބުންޏެވެ.

25 ފެބްރުއަރީ 2017: މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ގްރީން ސްޓްރީޓް---ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ވިކްޓަރީއަށް ތަށްޓެއް ހޯދައި ދިނުމުގެ އަޒުމުގައި ހަވާލުވި، އެންމެ ފަހުން އެޓީމަށް ތަށްޓެއް ހޯދައިދިން ކޯޗު އަލީ ސުޒޭން މެޗަށްފަހު ބުނީ މިރޭގެ މެޗުން ބަލިވީ ބައެއް ޑިޕާޓްމެންޓްތަކުން ހެދުނު ގޯސްތަކުން ސަބަބުން ކަމަށެވެ. މާލޭ ލީގުން ކޮލިފައި ވަނީ ހަތަރު ޓީމު ކަމަށާއި މިރޭގެ މެޗުން ބަލިވުމަކީ އިތުރަށް ކުރިއަށް ދިޔުމަށް އެޅޭނެ ހުރަހެއް ކަމަށް ސުޒޭން ބުންޏެވެ.

"ބަލިވުމަކީ ކުރިއަށް ދިޔުމަށް އެޅޭނެ ހުރަހެއް، ނަމަވެސް އަދި އެބައޮތް 13 މެޗު ކުރިއަށް، މިރޭގެ މެޗުގައި ހެދުނު ގޯސްތައް ރަނަގަޅުކޮށް ދެންނަ އަންނަ މެޗަކުން މޮޅުވާން މަސައްކަތް ކުރާނަން،" ސުޒޭން ބުންޏެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ގްރީން ސްޓްރީޓުގެ ޑިފެންސްގައި މޮޅު ކުޅުމެއްދެއްކި ޒުވާން ކުޅުންތެރިއާ މުހައްމަދު ސާއިފް އެވެ.