25 Feb 2017, 18:08
ބަޣްދާދު (ފެބްރުއަރީ 25): ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ރަސްމީ ދަތުރުފުޅެއްގައި އިރާގަށް ވަޑައިގެންފިއެވެ.
އިރާގުގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ "ސުމޫރިއްޔާ ނިއުސް" ބުނާ ގޮތުން ޖުބައިރުގެ މިދަތުރުފުޅަކީ ތާރިޚީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ބޭނުމަކީ ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން އިރާގުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމެވެ. ނަމަވެސް މީގެ އިތުރުން އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައާ ބެހޭގޮތުންނާއި ސޫރިޔާ އާއި ޔަމަންގައި ހިނގަމުންދާ ހަނގުރާމަތަކާ ބެހޭ ގޮތުން ވެސް އިރާގުގެ މަސްއޫލުވެރިންނާ ޖުބައިރު މަޝްވަރާ ކުރައްވާނެއެވެ.
މިއީ އދ. އަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް ގޮންޖެހުމަށްފަހު އެމެރިކާ ސިފައިން އިރާގަށް އަރައި ސައްދާމް ޙުސައިންގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށްފަހު ސައޫދީ އިސް މަސްއޫލުވެރިއަކު އިރާގަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސައޫދީ އަކީ އިރާގާ ދެކޮޅަށް 2003 ވަނައަހަރު އެމެރިކާ ކުރި އުދުވާނީ އަދި ޣައިރު ގާނޫނީ ހަނގުރާމައަށް ލޮޖިސްޓިކް ސަޕޯޓް ދިން މަދުގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އިރާގަށް އަރައިގަތް އެމެރިކާ ސިފައިންގެ ފައުޖުތަކަށް ވައިގެ މަގުން އެހީތެރިވި އެމެރިކާގެ ފައިޓަރ ޖެޓްތަކަށް ބިންމަތީގެ ފަސޭހަތައްދިން އެއްގައުމަކީ ސައޫދީ އަރަބިޔާއެވެ. ސައޫދީގެ އިތުރުން ކުވައިތުގެ ވައިގެ ބޭސްތަކުންވެސް އިރާގަށް ބޮންއެޅި އެމެރިކާގެ ފައިޓަރޖެޓްތަކުން ފުޅާދާއިރާއެއްގައި ބޭނުންކޮށްފައިވެއެވެ.
ސައްދާމްގެ ވެރިކަން ވައްޓާލުމަށްފަހު އިރާގުގައި އުފެއްދި ވެރިކަމުގެ ނިޒާމާވެސް ސައޫދީ އަރަބިޔާއާ ގުޅުންތައް ރަނގަނޅުވެފައެއް ނުވެއެވެ. އެހެންކަމުން ދާދިފަހަކާ ޖެހެންދެންވެސް އިރާގާއި ސައޫދީގެ ޑިޕްލޮމެޓިކް ގުޅުންތައް އޮތީ ކެނޑިފައެވެ. ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރުމަށްފަހު ސައޫދީ ސަރުކާރުން އިރާގަށް ފޮނުވި ސަފީރުވެސް މިދިޔައަހަރުވަނީ އިރާގުން ބޭރުކޮށްލާފައެވެ.
ބަޣްދާދުގައި ހުންނެވި ސައޫދީ ސަފީރު ތާމުރުއްސަބްހާން، އިރާގުން ބޭރުކޮށްލީ އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް މާބޮޑަށް އޭނާ ވެދެވަޑައިގަންނަވާކަމުގެ ތުހުމަތުތަކެއް އިރާގުން ކުރުމަށްފަހުގައެވެ. ނަމަވެސް ސައޫދީން މިކަން ދޮގުކުރެއެވެ.
ސައޫދީ އާއި އިރާގާ ދެމެދު ގުޅުންތައް ގޯސްވުމުގެ ސަބަބުތަކުގެ ތެރޭގައި އިރާގު ސަރުކާރުގެ މައްޗަށް އީރާނުގެ ބާރާއި ނުފޫޒު ހިނގާކަމަށް ސައޫދީން ތުހުމަތު ކުރުމާއި އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަރުކަށި ޖަމާއަތްތަކަށް ސައޫދީން ނުސީދާ ގޮތެއްގައި އެހީތެރިވާކަމަށް އިރާގުން ކުރާ ތުހުމަތުތައް ހިމެނެއެވެ. އެއްގައުމު އަނެއްގައުމާ ދެކޮޅަށް ކުރާ މިތުހުމަތު ތަކުގެ ސަބަބުން ދެގައުމުގެ ގުޅުންތައްވަނީ ގޯސްވެ އިތުބާރުނެތް ހާލަތަކަށް ގޮސްފައެވެ.
އަރަބި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކުގެ މައްސަލާގައިވެސް އިރާގާއި ސައޫދީގެ ޚިޔާލު ތަފާތުވުންތައް ވަރަށް ބޮޑެވެ. މިކަންކަމުގައި އިރާގަކީ ރަޝިޔާއާއި އީރާން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރާ ގައުމަކަށްވާއިރު ސައޫދީ އަކީ މިކަންކަމުގައި އެމެރިކާއާއި ޔޫރަޕާއި ތުރުކީ ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރާ ގައުމެކެވެ. ސައޫދީ ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހީމް އަލްޖަޢްފަރީ އާއި ބޮޑުވަޒީރު ހައިދަރުލްއަބާދީ އާ ވަކިވަކިން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
(ނޫސްއެޖެންސީތައް)