ޕެރިސް: އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވެރިޔާގެ މަޤާމަށް ފަރަންސޭސިވިލާތުގެ މާލީ ވަޒީރާ ކްރިސްޓީން ލަގާޑް އިންތިޚާބުކޮށްފި އެވެ.

ލަގާޑް އާއެކު މިމަޤާމަށް ވާދަކުރި އަނެއްބޭފުޅަކީ މެކްސިކޯގެ މަރުކަޒީ ބޭންކުގެ ގަވަރނަރ އޮގަސްޓީން ކާރސްޓަންޓް އެވެ. ދެބޭފުޅުން އެއްހަމައެއްގައި ވާދަކުރައްވަމުން ގެންދަވަނިކޮށް ލަގާޑަށް ކާމިޔާބު ލިބޭގޮތްވީ ވަކިބޭފުޅަކަށް ތާއީދު ނުކޮށްތިބި ޗައިނާ އާއި ރަޝިޔާއާއި ބްރަޒީލް އޭނާއަށް ތާއީދު ކުރުމުންނެވެ.

މިއީ އައިއެމްއެފް ގެ ވެރިޔާގެ މަޤާމަށް އަންހެނަކު އިންތިޚާބުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގެ މާލީ ވަޒީރު ޓިމޮތީ ގެއިޓްނަރ ވިދާޅުވީ ލަގާޑްއަކީ ތަޢްލީމާއި ތަޖްރިބާގެ ގޮތުން މިމަޤާމަށް ވަރަށް އެކަށޭނެ ބޭފުޅެއްކަމަށާ ދުނިޔޭގެ އިޤްތިސާދަށް ލޮޅުންތައް އަރަމުންދާ މިދަނޑިވަޅުގައި އައި.އެމް.އެފް. ގެ ވެރިއަކަށް ލަގާޑް އިންތިޚާބުވުމުން ހިތްހަމަޖެހޭކަމުގައެވެ.

އައި.އެމް.އެފް ގެ ވެރިޔާގެ މަޤާމަށް ވާދަކުރެއްވި މެކްސިކޯގެ މަރުކަޒީ ބޭންކުގެ ގަވަރނަރ އޮގަސްޓީން ކާރސްޓަންޓަށް ލިބިވަޑައިގަތީ އެންމެ 4 ޤައުމުގެ ތާއީދެވެ. އެއީ އޭނާގެ ޤައުމުކަމަށްވާ މެކްސިކޯގެ އިތުރުން އާޖެންޓީނާއާއި އޮސްޓްރޭލިޔާއާއި ކެނެޑާގެ ތާއީދެވެ.

އައި.އެމް.އެފް ގެ ވެރިޔާގެ މަޤާމަށް އަބަދުވެސް އިންތިޚާބު ކުރެވެނީ ޔޫރަޕްގެ ނޫނީ އެމެރިކާގެ ބޭފުޅަކަށްވާތީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓްގެ އެންމެ ކުރީގައިވާ ދެކުނު އެފްރިކާ އާއި ބްރަޒީލްފަދަ ޤައުމުތަކުން އެކަމާދެކޮޅަށް ޝަކުވާ ކުރަމުން ގޮސްފައިވެއެވެ.

މިއާއެކުވެސް ބައެއް ސަބަބުތަކާގުޅިގެން ބްރަޒީލް މިފަހަރު ތާއީދުކޮށްފައިވަނީ ޔޫރަޕްގެ ބޭފުޅެއްކަމަށްވާ ލަގާޑް އަށެވެ. އައި.އެމް.އެފް ގެ ވެރިޔާގެ މަޤާމުގައި ކުރިންވެސް ހުންނެވީ ފަރަންސޭސިވިލާތުގެ ބޭފުޅެއްކަމަށްވާ ޑޮމިނިކް ސްޓްރާވްސް އެެވެ. އެމެރިކާގެ ހޮޓަލެއްގައި އަންހެނަކު ރޭޕްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސްޓްރާވްސްވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

އައި.އެމް.އެފް. ގެ ރައީސަކަށް ޔޫރަޕްގެ ބޭފުޅަކު އަދި ވޯލްޑް ބޭންކްގެ ރައީސަކަށް އެމެރިކާގެ ބޭފުޅަކު އިންތިޚާބު ކުރުމަށާއި ތަރައްޤީވަމުން އަންނަ ޤައުމެއްގެ ރައްޔިތަކަށް މިދެމަޤާމުންކުރެ މަޤާމެއް ނުދިނުމަށް ޔޫރަޕާއި އެމެރިކާ، ނުރަސްމީ ގޮތެއްގައި އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެއްދި ބައިނަލްއަޤްވާމީ މިދެ މުއައްސަސާއަކީ އެމެރިކާއާއި ޔޫރަޕްގެ މޮނޮޕޮލީއާއި ނުފޫޒުގެ ދަށުގައިވާ ދެމުއައްސަސާއެވެ. -- އަލްޖަޒީރާ