25 Feb 2017, 13:19
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ފުރާ ވަޑައިގެންފި އެވެ.
ސްވިޒަލޭންޑުގެ ޖެނީވާގައި އަންނަ ހޯމަ ދުވަހު ފަށަން ހަމަޖެހިފައިވާ ހިއުމަން ރައިޓްސް ކައުންސިލްގެ 34ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ދަތުރުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝާހިޔާ އަލިމަނިކު ވެސް ބައިވެރިވެވަޑައިގަންނަވާއިރު، ބައްދަލުވުމުގައި މިނިސްޓަރު އާސިމް ތަގުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން ވަނީ އދ. ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑިއެއް މެދު ކެނޑުމެއްނެތި ދެ ދައުރު ކާމިޔާބުކޮށް ހިދުމަތްކޮށްފައެވެ. އެއީ 2011 ވަނަ އަހަރުން 2013 އަށް އަދި 2014 އިން 2016 އަށެވެ. އަދި 2018 އިން 2020 ގެ ދައުރަށް ރާއްޖެއިން ވަނީ އެ ގޮނޑިއަށް ކުރިމަތިލާފައެވެ.