ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ކަނޑައެޅި ބަޖެޓް ފާސްކޮށްފިއެވެ.

މިއަދު ހެނދުނު ސްޓެލްކޯ ސެމިނާ ރޫމްގައި ބޭއްވި އާންމު ޖަލްސާގައި ފާސްކުރި ބެޖެޓުގައި އެފްއޭއެމްއަށް 59.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފާހަގަކުރިއިރު، 60.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެއީ 1.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިއަހަރު ބެޖެޓުގައި އެފްއޭއެމްއަށް 59.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 60.8 މިލިއަން ރުފިޔާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަހަރު ނިމޭއިރު ދަރަނީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ އަރާނެކަމަށް ބަޖެޓްގައި ފާހަގަކުރި ނަމަވެސް، އެ އަދަދުގެ ތެރެއިން ބޮޑުބައެއް މަދުކުރެވޭނެ ކަމަށް އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސްޕޮންސަރެއް، ބަޖެޓް ތައްޔާރުކުރުމުގެ ކުރިން ހަމަޖެހިފައިނުވި ނަމަވެސް، މިހާރު ވަނީ އެ މުބާރާތުގެ ސްޕޮންސަރުން ހަމަޖެހިފައެވެ. ދެވަނަ ޑިވިޝަނަށް ހަރަދުވާނެ ކަމަށް ބަލާފައިވަނީ 1.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިހާރު ދަރަނީގެ ގޮތުގައި ވާނީ ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާއެވެ.

އެފްއޭއެމްއަށް މިއަހަރު އެންމެ ބޮޑު ފައިސާގެ އަދަދެއް ލިބޭނީ ފީފާއާއި އޭއެފްސީ އަދި ސަޕޮންސަރުންގެ ފަރާތުން ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. ފީފާއިން 30.9 މިލިއަން ރުފިޔާގެ ލިބޭނެ ކަމަށް ބުނެފައިވާއިރު، އޭއެފްސީން 3.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައިވެއެވެ. އަދި ސްޕޮންސަރުންގެ ފަރާތުން 13 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައިވެއެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިއަހަރު ބެޖެޓުގައި އެފްއޭއެމްއަށް 59.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 60.8 މިލިއަން ރުފިޔާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުބާރާތްތަކަށް ހަރަދުވާނެ ކަމަށް ބެޖެޓުގައި ފާހަގަކޮށްފައިވަނީ 8.2 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއްވަނީ ދިވެހި ޕްރިމިއާ ލީގާއި މިނިވަން ޗެމްޕިއަންޝިޕް އަދި މާލޭ ލީގަށެވެ. ޕްރިމިއާ ލީގަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަލާފައިވާއިރު، މިނިވަން ޗެމްޕިއަންޝިޕަށް 3.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަލާފައިވެއެވެ. އަދި މާލޭ ލީގަށް 3.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަލާފައިވެއެވެ.

ގައުމީ ޓީމު ވާދަކުރާ މުބާރާތްތަކާއި ގައުމީ ޓީމުގެ ކޯޗުންގެ މުސާރައަށް 6.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން ގައުމީ ޓީމުގެ ކޯޗުންގެ މުސާރައިގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަރަދުވާއިރު، އޭޝިއަން ކަޕް ކޮލިފިކޭޝަނަށް 3.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި ސާފް ޗެމްޕިއަންޝިޕަށް 8.7 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށްެ އަންދާޒާކޮށްފައިވެއެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިއަހަރު ބެޖެޓުގައި އެފްއޭއެމްއަށް 59.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 60.8 މިލިއަން ރުފިޔާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރު އަންހެނުންގެ ފުޓްބޯޅަ ތަރައްގީ ކުރުމާއި ގައުމީ ޓީމަށް ޖުމްލަ 1.7 މިލިއަން ހަރަދުކުރުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި އަންހެން ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ މުސާރައާއި، އަންހެން ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗާއި، ވިމެންސް ޓީމް ލީގާއި، ވިމެންސް ޗެމްޕިއަންޝިޕާއި، އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތް އަދި އިންޓަ ސްކޫލް ޗެމްޕިއަންޝިޕް ހިމެނެއެވެ.

ރާއްޖޭގެ އަތޮޅުތަކާއި މާލޭގެ ފުޓްބޯޅަ ދަނޑުތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 23.1 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން އެފްއޭއެމްގެ އިދާރީ ކަންތައްތަކަށާއި، ރެފްރީންނަށް ހަރުދުކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދުތައް ބަޖެޓުގައި ވަނީ ހިމަނައިފައެވެ. ބަޖެޓުން އެ އިދާރާގެ ތިން މިލިއަން ރުފިޔާގެ ދަރަންޏެއް އަދާކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.