25 Feb 2017, 11:38
ކުއަލަލަމްޕޫރު (ފެބްރުއަރީ 25): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ ނާރުގެ ނިޒާމަށް ހަމަލާދޭ ވިހަގަދަ ކެމިކަލެއް ދީގެން ކަމަށް މެލޭޝިއާއިން ބުނެފި އެވެ.
މިމަހުގެ 13 ވަނަ ދުވަހު ކިމް ޖޮންގް ނަމް އަވަހާރަވީ ކުއަލަލަމްޕޫރުގެ އެއާޕޯޓުގައި ދެ އަންހެނަކު އޭނާއަށް ހަމަލާދިން ފަހުންނެވެ. އޭގެ ތެރެއިން އެއް އަންހެނަކު ކިމް ހިފަހައްޓައި، މޫނުގައި އަތް އަޅާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ.
އެވީޑިއޯ އާއްމުވި ފަހުން މެލޭޝިއާގެ ފުލުހުން ދިން ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޕޮލިސް ޗީފް ހާލިދު އަބޫބަކުރު ވިދާޅުވި ގޮތުގައި އެ ދެ އަންހެނުން ވަނީ ކިމްގެ މޫނުގައި ވިހަ އެއްޗެއް ހާކާފަ އެވެ. އަދި އިއްޔެ މެލޭޝިއާއިން ހާމަކުރި ޓޮކްސިކޮލޮޖީ ރިޕޯޓުގައިވާ ގޮތުން ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓްގެ އަސަރު ވަނީ ކިމްގެ ލޮލުގަ އާއި މޫނުގައި ހުއްޓެވެ.
އަދި ކިމް އެއާޕޯޓުގައި ހަމަލާދިން މީހުންގެ ތެރެއިން އެއް އަންހެނަކު ވެސް ބަލިވި ކަމަށް ފުލުހުން ހާމަކުރި އެވެ. މެލޭޝިއާ ފުލުހުން މިހާރު ދަނީ ކެމިކަލް ވެޕަންސް ކޮންވެންޝަންގެ ދަށުން އުފެއްދުމާއި ރައްކާކުރުމާއި އަދި ބޭނުން ކުރުން މަނާކޮށްފައިވާ ކެމިކަލެއް އެގައުމަށް އެތެެރެކުރި ގޮތް ހޯދުމަށް ތަހުގީގުކުރަމުންނެވެ.
ކެމިކަލް ހަތިޔާރުތަކާ ބެހޭ މާހިރެއް ކަމަށްވާ ބްރޫސް ބެނެޓް ވިދާޅުވި ގޮތުގައި ވީއެކްސްގެ ވަރަށް ކުޑަ މިންވަރަކުން ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭ މީހަކު މަރާލެވޭނެ އެވެ. ވީއެކްސްއަކީ ހަށިގަނޑަށް ވާސިލުވެއްޖެ ނަމަ ނާރުގެ ނިޒާމުގެ މަސައްކަތްތައް ހުއްޓުވާ ކެމިކަލެކެވެ. އަދި އޭގެ ސަބަބުން ފިޓު ޖެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭ މީހާ މަރުވެ އެވެ.
ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ވަނީ އުތުރު ކޮރެއާގެ މީހަކާއި މެލޭޝިއާގެ ފިރިހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނަކު ހައްޔަރުކޮށް، އުތުރު ކޮރެއާގެ ދެ އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދުމަށް އިންޓަޕޯލްގެ އެހީއަށް ވަނީ އެދިފަ އެވެ. (ބީބީސީ)