29 Jun 2011, 14:15
ޑީއާރްޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކި ކުރުމުން ޕާޓީއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމަށް ޑީއާރްޕީގެ ފަރާތުން ވަޑައިނުގެންނެވީ އެ މައްސަލައިގައި ސިވިލް ކޯޓުން އިޖްރާއީ ގޮތުން ނިންމާފައިވާ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވާފައިވާތީ ކަމަށް ޑީއާރްޕީގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީން އެ މައްސަލައިގައި އިޖްރާއީ ނުކުތާ ނަގާފައި ވަނީ އުމަރު ޕާޓީން ވަކި ކުރި މައްސަލަ ޕާޓީ ތެރޭގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮއްވައި އެކަން ނުކޮށް ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން ނިންމާފައި ވަނީ އެފަދަ މައްސަލަތައް ވެސް ކޯޓަށް ހުށަހެޅޭނެ ކަމަށާއި އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިއުމަށެވެ.
ސުއޫދު މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ އިޖްރާއީ ނިންމުން މި މަހުގެ 19ގައި ހައި ކޯޓަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އަދި އިއްޔެ ސިވިލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އަޑުއެހުމަށް ވަޑައިނުގެންނެވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވަޑައިނުގެންނެވުމުން އެ މައްސަލައިގެ އަޑުއެހުން ސިވިލް ކޯޓުން ވަނީ އިއްޔެ ކެންސަލްކޮށްފަ އެވެ. އަދި ވިދާޅުވީ ސުއޫދަށް ވަޑައިނުގެންނެވޭނެކަން ކުރިން އަންގަވާފައި ވެސް ނުވާ ކަމަށާއި ދެން އަންނަ އަޑުއެހުމަކަށް ހާޒިރުވުމުގެ ޗިޓު ސުއޫދުގެ ލޯ ފާމްގައި ހިއްޕާނެ ކަމަށެވެ.
އިއްޔެގެ އަޑުއެހުމުގެ ކުރިން ބޭއްވުމަށް އޮތް އަޑުއެހުން ވެސް ކެންސަލްވެފައި ވަނީ ސުއޫދަށް ވަޑައިނުގެންނެވުމުންނެވެ. އެކަމަކު އެފަހަރު ސުއޫދަށް ވަޑައިނުގެންނެވުނީ ހަމަ އެ ގަޑީގައި ހައި ކޯޓުގައި އޮތް އެހެން މައްސަލައަކަށް ވަޑައިގަންނަވަންޖެހޭތީ އެވެ.
ޑީއާރްޕީގެ ޒެޑް ފެކްޝަނުގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު ކުރައްވާ ދައުވާގައި ބުނެފައި ވަނީ ޑިސެމްބަރު 2، 2010 ގައި އޭނާ ޑީއާރްޕީން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަކި ކުރުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުން ބާތިލް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި އެދެ އެވެ.