25 Feb 2017, 09:48
މިފަހަކަށް އައިސް ފުރަތަމަ ޑިވިޝަންގެ އެންމެ ބަލިކަށި ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދިޔަ، އެހެން ނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރު،ވިކްޓަރީ ސްޕޯޓްސް ކްލަބު، މިސީޒަނަށް ނުކުންނަނީ އަނެއްކާ ވެސް އެ ކްލަބުގެ ކާމިޔާބު ދުވަސްތައް އިއާދަކުރުމަށެވެ. އެގޮތުން ވަރުގަދަ މެނޭޖްމަންޓަކާ އެކު މޮޅެތި ކުޅުންތެރީންވެސް ހޯދި އެވެ. އަދި ރަނގަޅު ކޯޗަކުވެސް ގެނަ އެވެ. ނަމަވެސް ސީޒަން ނުފެށި އުޅެނިކޮށް ފުޓްބޯޅަ އާއިލާ ސިއްސުވާލީ ވިކްޓަރީން އެ ކްލަބުގެ އާ ކޯޗު މުހައްމަދު ޝާޒުލީ (ޝާޒު) މަގާމުން ބޭރުކޮށްލި ޚަބަރެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ދުވަސްވީ، އެންމެ ބޮޑު އަދި ކާމިޔާބު ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެކެވެ. ފުރަތަމަ ޑިވިޝަންގެ ހުރިހާ މުބާރާތެއްހެން މީގެކުރީން ކާމިޔާބުކޮށްފައިވެ އެވެ. އެހެންކަމުން މިފަދަ ދުވަސްވީ ތަޖްރިބާކާރު ކްލަބަކުން ނިންމާ ކޮންމެ ނިންމުމަކީ ވެސް، އޭގައި އިބްރަތްތަކެއް އެކުލެވޭނޭ ނިންމުމެއްކަމާ މެދު ޝައްކެއް ނެތެވެ. އަދި އެފަދަ ނިންމުންތަކަށް ކުޅިވަރަށް ލޯބިކުރާ މީހުންގެ ސަމާލުކަމާއި ބައެއް ފަހަރު ފާޑުކިޔުން އަމާޒުވާނެކަމީ ވެސް ޔަގީންކަމެކެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު އަލީ ސްޒޭން އެ ކްލަބާ އަލުން ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ސަން ފޮޓޯ: އަލީ ރިފްޝާން
މީގެ ކުރީން، ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތް 21 ފަހަރު، އެފްއޭ ކަޕް 4 ފަހަރު، ދިވެހި ލީގު 2 ފަހަރު، މާލޭ ލީގު 3 ފަހަރު، ކަޕް ވިނާސް ކަޕް 3 ފަހަރު އަދި ޕޮމިސްކަޕް އެއްފަހަރު ކާމިޔާބުކޮށްފައިވާ ވިކްޓަރީއަށް 2012 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ތަށްޓެއް ހޯދިފައެއް ނުވެ އެވެ. އެހެންކަމުން މިސީޒަނަށް އެ ކްލަބުން ތައްޔާރުވާން ފެށީ، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު، ބީޖީ ސްޕޯޓްސް އަށް އިރުޝާދުދިން ކޯޗު، ޝާޒު ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސައިގެންނެވެ. ނަމަވެސް، ވިކްޓަރީގެ ކޯޗުކަމާ ޝާޒް ހަވާލުވެ، އެ ކްލަބު ވާދަވެރި މެޗެއް ނުކުޅެވި އުޅެނިކޮށް، ވިކްޓަރީން ވަނީ ޝާޒް އެ ކްލަބުން ބޭރުކޮށް އެއްލާލައިފަ އެވެ. މިކަން ވެގެން ދިޔައީ ޝާޒަށް ވެސް އަދި ފުޓްބޯޅަ އާއިލާއަށް ވެސް ލިބުނު ސިހުމަކަށެވެ.
ޝާޒް ބުނިގޮތުން، ވިކްޓަރީގެ ކޯޗުކަމާ އޭނާ ހަވާލުވީ، ވަރަށް ގިނަ ދުވަސްތަކެއްގެ މަޝްވަރާއަށް ފަހު، ގިނަ ކަންތައްތަކަކަށް އެއްބަސްވުމަށްފަހު އެވެ. އެހެން ނަމަވެސް އޭނާ ހާސިލްކުރަން ޖެހޭ ވަކި ޓާގެޓްތަކެއް އޮއްވައި، ވާދަވެރި އެއްވެސް މުބާރާތެއް ނުވަތަ މެޗެއްވެސް ނުކުޅެނީސް، އޭނާ މަގާމުން ދުރުކުރީމަ ޝާޒުވަނީ ވިކްޓަރީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"ހަގީގަތަށް ބުނާކަމަށްވަންޏާ ހެޑް ކޯޗަކާ އެކު ކޮންޓްރެކްޓެއް ހެދިފައި އޮންނައިރު، ކޮންޓްރެކްޓް އުވާލެވޭނެ ގޮތްތަކެއް އެބައޮވޭ. އެކަމެއް ކުރެވިފައެއް ނެތް ވިކްޓަރީއަކަށް،" ވިކްޓަރީން އޭނާ ބޭރުކޮށްލިކަން އިއުލާނުކުރި ދުވަހު، ނޫސްވެރީންނާ ބައްދަލުކޮށް ޝާޒް ބުންޏެވެ.
ވިކްޓަރީގެ ކޯޗުކަމުން ދުރުކުރި މުހައްމަދު ޝާޒްލީ: އޭނާ ބުނާގޮތުގައި ވިކްޓަރީގެ މެނޭޖްމަންޓުން އެއްބަސްވި ގިނަ ކަންތައްތަކެއް ކޮށްދެވިފައެއް ނުވޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ވިކްޓަރީން ޝާޒު ބޭރުކުރުމަށް ފަހު، އެ ކްލަބުގެ ޗެއާމަން އިބްރާހީމް ނަޒީމް ވިދާޅުވީ، ޝާޒްގެ ފަރާތުން އެ ކްލަބަށް ގިނަ އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މެނޭޖްމަންޓް ބޭނުންވި ކަންކަން ހާސިލް ނުވުމުން އެ ނިންމުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރީ ސީޒަނަށް ފަހު ކްލަބުގެ ކޮންޑިޝަން ބެލުމަށް ފަހު އަޅުގަނޑުމެން ކޯޗު އެކަމާ މަޝްވަރާކުރާތާ ދުވަސްތަކެއް ވެއްޖެ. ކުޅުންތެރީންނާއި ކޯޗިން ސްޓާފުންނާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުޅުނު. އެހެންވެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް މިއީ،" ޝާޒްގެ މަގާމުން ދުރުކުރުމަށް ފަހު ނަޒީމް ވިދާޅުވި އެވެ.
ޝާޒު ވަނީ، އޭނާ ވިކްޓަރީއާ ހަވާލުވެ އެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ކްލަބަށް، ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މެނޭޖްމަންޓާ ގުޅިގެން އާ ކުޅުންތެރީންތަކެއް ކްލަބަށް ގެނެސް ޓީމެއް އެކުލަވާލައި މުބާރާތަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވެސް އޭނާވި އެވެ.
އޭނާ ބުނީ ވިކްޓަރީން އޭނާގެ އެއްބަސްވުން އުވާލިކަން ވެސް އެނގުނީ، އަލީ ސުޒޭން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައި ނޫސް ކޮންފަރެންސެއް ބޭއްވި ހިސާބުން ކަމަށެވެ.
"ހަގީގަތުގައި ވިކްޓަރީގެ ހެޑް ކޯޗަކަށް ސުޒޭން ހަމަޖެހިގެންނެއް ނުދާނެ. އެއީ ހެޑް ކޯޗަކާ އެކު ހަދާފައި އޮތް އެގްރިމަންޓެއް އެބައޮވޭ. އެކަން އެބަ ނިންމަން ޖެހޭ. އެއްވެސް ސަބަބެއްނެތި ވެސް ވިކްޓަރީގެ ހެޑް ކޯޗުކަމުން ދުރުކުރާ ނަމަ ދެންވެސް ކުރަންޖެހޭ ކަމެއް އެބައޮވޭ،" ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ވިކްޓަރީގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ޝާޒް ބުންޏެވެ.
މީގެ އިތުރުން ކްލަބުން އޭނާއަށް ކޮށްދޭން ބުނި ކަންތައްތަކުގެ ތެރޭގައި، ޓްރެއިނިން ކޭމްޕެއް ދިއުމާއި ބިދޭސީ ކުޅުންތެރީން ހޯދައިދިނުން ފަދަ ކަންކަން ކޮށްނުދީ، ކޯޗު އެއްފަރާތްކުރީ ނުފޫޒުތަކެއްގެ ތޭރޭން ކަމަށް ވެސް އޭނާ ތުހުމަތުކުރެ އެވެ.
"އެކަމެއް ވެސް ނެތް ވެފައެއް. ހަމައެއާ އެކު ކުޅުންތެރިންގެ މުސާރަ ވެސް ނެތް ދެވިފައެއް. މިހުރިހާ ކަމެއް ހިނގާ ދާއިރުގައި ވެސް މިހާރު ވިކްޓަރީގެ އަމާޒު މިހުރީ ހެޑް ކޯޗު އެއް ފަރާތްކޮށްފައި ހެޑް ކޯޗެއް ގެނައުން،" ޝާޒް ބުންޏެވެ.
ޝާޒްގެ ފާޑުކިޔުންތައް އަމާޒުވީ ހަމައެކަނި ކްލަބަކަށް ނޫނެވެ. ވިކްޓަރީއާ ދެވަނަ ފަހަރަށް ހަވާލުވި އެ ޓީމުގެ ކުރީގެ ކޯޗު ސުޒޭނަށް ވެސް އޭނާގެ ފާޑުކިޔުންތައް އަމާޒުކުރި އެވެ. އެގޮތުން ސުޒޭނަށް ވިކްޓަރީގެ ކޯޗުކަން ދިނީ އޭނާ އަށް އިތުރު ކްލަބެއް ނުލިބުމުން ކަމަށް ޝާޒު ބުންޏެވެ.
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން، ނޫސްވެރީންނަށް މައުލޫމާތުދެނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޝާޒްގެ މި ފާޑުކިޔުންތަކަށް އެންމެ ފަހުން ކޯޗު ސުޒޭން ވެސް ރައްދު ދިނެވެ. ސުޒޭން ސިފަކުރި ގޮތުގައި، ޝާޒަކީ ކޯޗެއް ނޫނެ އެވެ. ޝާޒްގެ މިސާލަކީ، ބޯޓު ދަތުރުކުރާ ކަމަށް ހެދިގެން އުޅޭ އެހެން ނަމަވެސް ބާދަގަނޑު ކިރަން ބޭރަށްދާ މީހެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ. އެގޮތުން ވިކްޓަރީގެ މެނޭޖްމަންޓުން ކުރިން ނިންމީ އެއްވެސް ތާކުންތާކު ނުޖެހޭ ނިންމުމެއްކަން، ތަޖްރިބާކާރު ކޯޗުގެ ވާހަކަތަކުން ދޭހަވި އެވެ.
"އަޅުގަނޑުމެން ކުޑައިރު ގޭދޮށުގައި އުޅޭނެ ދަތުރުކުރާ މީހެއް. އަލިފުޅު ކިޔާނީ. އޭނަ ދޭތެރެއަކުން ފެންނާނެ ތިންމަހުން އެއް މަހު މާލޭން. ދެން ދަތުރުކުރާ މީހުންނަކީ އަޅުގަނޑު ދަންނަ ގޮތުގައި އަބަދުވެސް އުޅޭނެ ބޮޑު ބޯޓެއްގައި، އެއް އަހަރު ދެއަހަރު ކޮށްފައި އަންނާނެ ލަވަޖަހާ ސެޓާ އެއްޗެހި ހިފައިގެން.
" ...އަލިފުޅު ފެންނާނެ، ކޮންމެ ތިން މަހަކު. ދެން މީނަކައިރީ ދަތުރުކުރުމުގެ ވާހަކަ އަހާލީމަ ބުނާނެ، ތިމަންނަ ބާދަގަނޑަށް ބޯޓެއް ކިރަން ޕާކިސްތާނަށް ގޮސްފައި، އެ ބާދަގަނޑަށް ބޯޓު ވިއްކާލާފައި އަނެއްކާ ވެސް އައި އަނެއް ބޯޓު ހިފައިގެން ދަނީ،
"ބާދަގަނޑަށް ބޯޓު ވިއްކާ ކަހަލަ ދަތުރުކުރުން އަލިފުޅުކުރަނީ. އެކަމަކު އެހެން އުޅޭ ދަތުރުކުރާ މީހުން ނުވާނެ އަދި ދަތުރުކުރާ މީހުންނަކަށް."
ކޯޗު ޝާޒު ސިފަކުރާ ގޮތުގައި، މާޒިޔާގެ ޓާގެޓަށް ޓީމު ނުގެންދެވުމުން އެޓީމުން ދުރުކުރި، އެހެން ނަމަވެސް ހަގީގަތުގައި މާޒިޔާގެ ތާރީޚުގައި އެޓީމު ދުށް އެންމެ ކާމިޔާބު ދުވަސްތައް ހޯދައިދިން ކޯޗު ބުނީ، ޝާޒް ފަދަ މީހަކާ އޭނާ ޗެލެންޖް ކުރާން ބޭނުން ނުވާ ކަމަށެވެ. އޭނާ ޗެލެންޖް ކުރާނީ، ގިނަ ޓްރޮފީތަކެއް ހޯދައި ރަނގަޅު ތާރީޚެއް އޮތް ކޯޗުންނާ ކަމަށާއި އަދި ވިކްޓަރީއާ އޭނާ ހަވާލުވިތާ މަދު ގަޑިއިރުތަކެއްގެ ތޭރޭގައި އޭނާއާ ހަވާލުކުރި ޓާގެޓަށް ވާސިލްވެފައިވާކަން ވެސް ސުޒޭން ފާހަގަކުރި އެވެ.
"ވިކްޓަރީގެ މެނޭޖްމަންޓުން އަޅުގަނޑާ ހަވާލުކުރި ޓާގެޓަކީ ކުޅުންތެރީންގެ މޯޓިވޭޝަން ގެއްލިފައިވާ ޓީމެއްގެ މޯޓިވޭޝަން ރަނގަޅުކުރުން. އެކަން ޑޭ ވަންގައި، ބަރާބަރު 24 ގަޑިއިރު ތެރޭގައި ވިކްޓަރީގެ މެނޭޖްމަންޓަށް ސާބިތުކޮށްދީފައި އޮންނާނީ."
ޝާޒަކީ ރަނގަޅު ކޯޗެއް ނޫންކަމަށް ސުޒޭން ސިފަކުރި ނަމަވެސް އޭނާ އެއްބަސްވި، ޝާޒަށް ރަނގަޅަށް ކުރެވުނު ކަމެއްވެސް އެބައޮތެވެ. އެއީ މިސީޒަނަށް ޝާޒް އެކުލަވައިލި ވިކްޓަރީގެ ސްކޮޑަކީ ހަގީގަތުގައިވެސް ރަނގަޅު ސްކޮޑެއް ކަމަށް ސުޒޭން އެއްބަސްވެއެވެ.
"އެއީ އޭނާ (ޝާޒު)ގެ ސިލެކްޝަނެއް ކަމަށް ވަންޏާ، މިހާރު ވިކްޓަރީގެ އޮތް ސްކޮޑަކީ ހަމަ ރަނގަޅު ސިލެކްޝަނެއް،" ބާދަގަނޑު ކިރާ ބޯޓުދަތުރުކުރާ މީހެއްގެ ގޮތުގައި އޭނާ ސިފަކުރި ކޯޗު ޝާޒުގެ ސިލެކްޝަނާ ބެހޭގޮތުން ސުޒޭން ބުންޏެވެ.
އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޤަނީ - ޕްރެސްކޮންފަރެންސެއްގައި ވާހަކަ ދައްކަނީ--ފޮޓޯ: މުހައްމަދު އަފްރާހް
ވިކްޓަރީން ޝާޒު ބޭރުކޮށްލުމުން އެކަމަށް ފާޑުކީ ހަމައެކަނި ޝާޒެއް ވެސް ނޫނެވެ. އެތައްބަޔަކު އެކަމަށް ފާޅުގައި ފާޑުކިޔަމުން ދެއެވެ. އެގޮތުން އެ ނިންމުމަށް ފާޑުކިޔަމުން އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތި) ބުނީ، އެއީ ދިވެހި ކޯޗުންނަށް ދިން އިންޒާރެއް ކަމަށެވެ. އަދި އެއީ ދިވެހި ފުޓްބޯޅައިގެ ކަޅު ދުވަހެއްގެ ގޮތުގައި ސާންތީ ސިފަކުރި އެވެ.
"އަޅުގަނޑު ހަމަ ގައިމު ވެސް އެގޮތަށް ކޯޗަކު ދުރުކޮށްފައި އެޓީމަކާ ހަވާލުވާން ބުންޏަސް ޔަގީން ހަވާލެއް ނުވާނަން. ހަމަ ޔަގީން މިބުނީ ހަވާލެއް ނުވާނަން. ބައްލަވާ ރާއްޖޭގައި މިތިބީ ވަރަށް މަދު ކޯޗުން ކޮޅެއް. އެމީހުންނާ މެދު މި ގޮތަށް ކަންތައް ކުރިމާ ކިހިނެއްތޯ ފުޓްބޯޅަ ކުރިއަރުވާނީ. ޝާޒްލީ އެގޮތަށް މަގާމުން ދުރުކުރީމަ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އެދުވަހަކީ ފުޓްބޯޅައަށް ކަޅު ދުވަހެއް،" ސާންތި ބުންޏެވެ.
ކޮންމެއަކަސް މާލޭ ލީގު 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފަށާއިރު އެ ލީގުގެ އެންމެ ފަހުގެ (2006 ވަނަ އަހަރު) ޗެމްޕިއަން ވިކްޓަރީ ސްޕޯޓްސް މިފަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލާނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ތަޖްރިބާކާރު ކޯޗު ސުޒޭނާ އެކު އެވެ. ވިކްޓަރީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ސުޒޭންގެ އުންމީދަކީ، އެންމެ ކުޑަވެގެން 2012 ވަނަ އަހަރު އޭނާ އެ ކްލަބަށް ހޯދައިދިން ކާމިޔާބީ އަލުން ތަކުރާރުކުރުމެވެ.