ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކެޕްޓަންކަމުގެ މަޤާމަށް، ތަޖުރިބާކާރު ކުޅުންތެރިއާ އިސްމާއިލް އީސަ (މެސީ) ހަމަޖައްސައިފިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ވަރުގަދަ ސްކޮޑަކާއެކު ލީގުގެ ފުރަތަމަ މެޗަަށް ވިކްޓަރީ މާދަމާ ނިކުންނައިރު އެޓީމުގެ ކެޕްޓަނަކަށް މެސީ ހަމަޖައްސައި އޭނާއަަށް ރަމްޒީ ގޮތުން ކެޕްޓަން ބޭންޑް ހަވާލުކޮށްދިނީ ވިކްޓަރީގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކޯޗު މައުރޫފް އަހްމަދު މާއްޓެއެވެ. މާއްޓެއަކީ އީސަ ދިވެހި ފުޓްބޯޅައަށް ތައާރަފްކޮށްދީ އެނާއަށް މެސީގެ ނަމުން ނަންދިން ކޯޗެވެ.

މިއަހަރު ތަށްޓެއް ހޯދުމުގެ އަޒުމުގައި ތަޖްރިބާކާރު ކޯޗު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުން ނިކުންނަ ވިކްޓަރީގެ ކެޕްޓަނަކަށް މެސީ ހަމަޖެއްސިއިރު ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އެޓީމުގެ ހެޑް ކޯޗު އަލީ ސުޒޭންގެ ދެ ބްރޭންޑު ކަމުގައިވާ ހަސަން އަދުހަމް (ސަޑޭ) އާއި މިދިޔަ އަހަރު ވިކްޓަރީގެ ކެޕްޓަންކަން ކުރި ރިލްވާން ވަހީދު (ރިލޭ) އެވެ.

މާލޭ ލީގުގައި ވިކްޓަރީ ކުޅޭ ފުރަތަމަ މެޗުގައި އެޓީމު ނުކުންނާނީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކެޕްޓަން ސޮބާހް މުހައްމަދުގެ އިރުޝާދުގެ ދަށުން ނުކުންނަ ގްރީން ސްޓްރީޓާ ދެކޮޅަށްށެވެ.