މަސްތުވާތަކެތީގެ "ބޮޑެއް" ކަމަށް ތުހުމަތުކުރެވި، ކުށްސާބިތު ނުވި ހ. ރީނދޫގޭ އާދަމް ނަސީރު މައްޗަށް ފުލުހުން ހިންގި ތަހުގީގުގައި ހުރި މައްސަލަތަކާއި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް، ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު އިންޓަނެޓުގައި ލީކުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ރިޔާސީ ކޮމިޝަނުން ހިންގި އެ ތަހުގީގުގެ ރިޕޯޓް ލީކުވެފައި މިވަނީ މަސްތުވާތަކެތީގެ އެހެން "ބޮޑެއް" ކަމަށް ބުނެ ފުލުހުން މީހަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ލީކުވެފައި ވަނީ ސައްހަ ރިޕޯޓެއް ކަން ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނު އަބްދުﷲ ހަސީން ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގުގެ ކޮންމެވެސް ސްޓޭޖެއްގައި އެކުލަވާލާފައިވާ ޑްރާފްޓެކެވެ.

އެ ރިޕޯޓުގައި ރިޔާސީ ކޮމިޝަނުން އިސްލާހުކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި އެފަދަ އޮޕަރޭޝަންތައް "އެކެއްގެ" އަތްމަތީގައި ނޯންނަ ގޮތަށް ބޭއްވުން ހިމެނެ އެވެ.

އެކޮމިޝަނުން ބުނަނީ، އާދަމް ނަސީރުގެ މައްސަލައިގެ އޮޕަރޭޝަންގައި އުޅުނު ޓެކްނިކަލް ޓީމާއި ތަހުގީގު ޓީމާއި އަދި އިންޓެލިޖެންސް ޓީމު ލީޑުކުރަމުންދިޔައީ "އެކަކު" ކަމަށްވާތީ މަސައްކަތުގައި ހުރި އުނިކަންކަން ދެނަގަނެ، އެކަން ސަމާލުކަމެއް ގެނެވޭނެ ގޮތެއް ނެތް ކަމަށެވެ. ތިން ޓީމުގެ އިސްވެރިޔަކަށް ހުންނެވީ ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓްގެ ވެރިޔާ، ސުޕްރިޓެންޑެންޓް މުހައްމަދު ޖިނާހު އެވެ.

އަދި ޑްރަގާ ބެހޭ އިންޓެލިޖެންސް ޔުނިޓުގައި ކޮރަޕްޝަން އުފެދިދާނެތީ އެކަން މަނާކުރެވޭނެ ގޮތެއް ރޭވުމަށާއި ޑްރަގުގެ ވިޔަފާރި ނައްތާލަން މަސައްކަތްކުރާ ފަރާތްތައް "ގަނެގެން ނުވަތަ ބިރު ދައްކައިގެން ހިންގާފާނެ ޑީލަކަށް" ސަރުކާރުން ވިސްނުމަށް ވެސް ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި ފައިސާ ބޭނުންކޮށްފައި ވަނީ ރަނގަޅަށްތޯ ސަރުކާރުން ބެލުމަކީ "ވިސްނާލަން ޖެހޭ މުހިންމު ކަމެއް"ގެ ގޮތުގައި އެކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

"މިހެނީ މި އޮޕަރޭޝަނުގައި، އެކަމުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި އުޅުނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހުގެ ބަހާއި ފުލުސް އޮފީހުން އޮޕަރޭޝަންގެ އޭޖެންޓަކަށް ގެންގުޅުނު ރަމްޒީގެ ބަހުގައި ފުށުއަރާކަމަށްޓަކަ އެވެ. ރަމްޒީ އަށް މި މަސައްކަތުގައި އެއްވެސް އުޖޫރައެއް ލިބިފައިނުވާ ކަމަށް އޭނާ ބުނާ އިރު އޭނާ އަށް އުޖޫރަ ދީފައިވާ ކަމަށް ފުލުހުން އޮފީހުން ބުނެފައިވާތީ އެވެ." އެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން އެފަދަ ބޮޑެތި އޮޕަރޭޝަންތަކަށް ނުކުންނަ ޓެކްނިކަލް ޓީމުގައި އެކަށޭނެ ޒަމާނީ ވަސީލަތްތަކާއި ހުނަރު ނެތް ކަމަށާއި ފުލުހުންގެ ތަހުގީގުކުރުމުގެ ބާރު އިތުރުކުރަން ޖެހިފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.

އެކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އާދަމް ނަސީރަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްކަން އެނގެން ހުރި ނަމަވެސް އޭނާ "މަސްތުވާތަކެތި ގަނެ، ވިއްކައި އުޅޭ ކަމަށް ޝަރީއަތަށް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް" ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. އަދި އޮޕަރޭޝަން ހިންގި މީހުންގެ "އަތުން" ޑްރަގް ޑީލަރުން ދޫވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެކޮމިޝަނުން ބުނެފައި ވަނީ، އާދަމް ނަސީރުގެ މައްސަލާގައި މަސައްކަތްކޮށްފައިވާ ފެންވަރާ އަޅާބަލާއިރު އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައި ނެތުމުން އެކަމުގައި "ކޮންމެވެސް ފަރާތެއްގެ އިހުމާލެއް ނުވަތަ ރޭވުމެއް" އޮވެދާނެ ކަމަށް ޝައްކު ކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އަދި އާދަމް ނަސީރުގެ ގޯތި ތެރެއިން މަސްތުވާތަކެތި އަޅައިފައި ހުއްޓާ ފެނުނު ދަޅުން އޭނާގެ ފިންގާ ޕްރިންޓް ހޯދިފައިނެތުމާއި އޭނާގެ ގެއިން ފެނުނު ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވަނީ ކޮންތަނަކުން ކަން ފުލުހުންނަށް ހޯދިފައި ނެތުމާއި އޭނާ ޑްރަގުގެ ވިޔަފާރިކުރާ ނެޓްވޯކް ވެސް ދެއްކިފައިނެތުމާއި އެއޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ ބަސް ދިމާނުވުމަކީ ތަހުގީގުގައި ހުރި އުނިކަންކަމުގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި ރިޕޯޓް އެކޮމިޝަނުން އެކުލަވާލާފައި ވަނީ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުއާއި އާދަމް ނަސީރު މައްސަލައިގެ އޮޕަރޭޝަންގައި އުޅުނު ތިން ޓީމާއި އަންޑަކަވާ އޭޖެންޓެއް ގޮތުގައި ބޭނުން ކުރި މީހާއާ ސުވާލުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނަނީ، ފުލުސް އޮފީހުން "ކޮމިޝަނުން ބޭނުންވި ހުރިހާ މައުލޫމާތުތައް ވަގުތުން ވަގުތަށް" ފޯރުކޮށްދީފައިވީ ނަމަވެސް، ޕީޖީ އޮފީހުން ވަނީ އެކޮމިޝަނަށް އެއްބާރުލުން ދިނުމަށް ދެކޮޅުހަދައިފައި ކަމަށެވެ. އެގޮތުން އެފަދަ މަސައްކަތްތަކަކީ ރިޔާސީ ކޮމިޝަންގެ މެންޑޭޓާ ހިލާފު ކަންތައްތަކެއް ކަމުގައި ބުނެ ޕީޖީން ވަނީ އެ ކޮމިޝަނަށް "އެއްވެސް އެހީތެރިކަމެއް ނުދެވޭނެ" ކަމަށް ބުނެފައި ކަމަށް އެ ރިޕޯޓުގައިވެ އެވެ.