މާލޭ ލީގުގެ ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން ހަނިތަފާތަކުން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސްގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ 21 ވަނަ މިނެޓުގައި އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، މާޒިޔާގެ އެލެކްސެންޑާ ރަކިޗް ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، އީގަލްސްގެ ތިން ކުޅުންތެރިންވެގެން އެ ބޯޅަ ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ.

މެޗުގެ 35 ވަނަ މިނެޓުގައި މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޑޮނޮވަން ޑީކްމަންއަށް ރިހާމް ޖައްސާލި ބޯޅަ އޭނާ ފޮނުވާލަން އުޅުމުގެ ތެރޭގައި މާޒިޔާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރުވެފައެވެ. އޭގެ ދެ މިނެޓްފަހުން މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ރަކިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި އީގަލްސްއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އިބްރާހިމް މުބީން (މުއްކި) ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަންސަރު އިބްރާހިމް (އަންކޮ) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އަންކޮގެ ހަމަލާ އުފެއްދިތާ މިނެޓެއްފަހުން ކައުންޓާ އެޓޭކެއްގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި މުހައްމަދު އުމައިރު ދިން ބޯޅައަކުން މާޒިޔާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕެޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އީގަލްސްއަށް ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަސަން ރާއިފް އަހްމަދު އުފެއްދި ހަމަލާ، އަމާޒުވީ ކީޕަރު ޕަވެލް މަޓިއާޝްއާ ދިމާލަށެވެ. އޭގެ މިނެޓެއް ނުވަނީސް މާޒިޔާގެ އަސައްކޮއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަސައްކޮ އުފެއްދި ހަމަލާ، ކީޕަރު ސުޖަން ވަނީ މަތަކޮށްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި މާޒިޔާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އަސައްކޮ ދިން ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަކިޗް އުފެއްދި ހަމަލާ، ޑިފެންޑަރު މުހައްމަދު މަގުދީ ފައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަނެއްކާވެސް މާޒިޔާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ޑިފެންޑަރު މަގްދީ ކައިރިން ނައްޓާލުމަށްފަހު، އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އަސައްކޮ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗުގެ އިތުރު ވަގުތުގައި އީގަލްސްގެ ބަދަލު ކުޅުންތެރިޔާ މަހްމޫދު ސައީދުއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.