މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގޫ ހުމުގައި ތިން ވަނަ ކުއްޖަކު މަރުވިތާ 48 ގަޑިއިރު ނުވަނީސް އިތުރު ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

ޑެންގޫ ހުންޖެހިގެން ދިއްދޫ ހޮސްޕިޓަލުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދަނިކޮށް މެންދުރެއްހާ އިރު މަރުވެފައި ވަނީ ހއ. މުރައިދޫ ލީފްވިއު އަހުމަދު ލިފްޝާން،4، އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖަރު ސީޒާ އިބްރާހިމް މިއަދު ވިދާޅުވީ މިއަދު މެންދުރު ދިއްދޫން ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކުއްޖާ ގެންދިޔަ އިރު އޭނާ އޮތީ މަރުވެފައި ކަމަށެވެ. އަދި ޑޮކްޓަރުންގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި އެ ކުއްޖާ މަރުވެފައި ވަނީ، ޑެންގޫގެ އެންމެ ނުރައްކާ ވައްތަރު، ހެމޮރޮޖިކް ޝޮކެއްޖެހިގެން ކަމަށް ޑޮކްޓަރުން ލަފާކޮށްފައިވާ ކަމަށް ވެސް ސީޒާ ވިދާޅުވި އެވެ.

"ބަލި ކުއްޖާ މިކޮޅަށް ގެނައި އިރުވެސް އޮތީ މަރުވެފައި. އެހެންނަމަވެސް އަޅުގަނޑުމެން ލައިފް ސޭވިން ޑްރަގްސް ބޭނުންކޮށްގެން ބެލިން ސަލާމަތް ކުރެވޭތޯ. އެހެންނަމަވެސް ކާމިޔާބެއް ނުވި. ޕޭޝަންޓްގެ ބައްޕަ ބުނަކީ ރޭ ދަންވަރު ކަމަށް ބޮޑަށް ހާލު ސީރިއަސްވާން ފެށީ،" ސީޒާ ވިދާޅުވި އެވެ.

ހަތަރު އަހަރުގެ އެ ކުއްޖާ ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރު 11:30 އެހާކަންހާއިރު ކަމަށާއި އޭރު އޭނާގެ ހާލު ރީސިއަސް ކަމަށް ދިއްދޫ ހޮސްޕިޓަލުން ބުންޏެވެ. އަދި ހޮސްޕިޓަލުން ފަރުވާދޭން ފެށުމުން އެ ކުއްޖާގެ ހާލު ރަނގަޅުވަމުން ދިޔަ ކަމަށާއި ކުޅުދުއްފުއްޓަށް ޑޮކްޓަރުންގެ ޓީމަކާ އެކު ފޮނުވާލީ މިއަދު އެނެއްކާ ވެސް ހާލު ސީރިއަސް ވާން ފެށުމުން ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިދުވަސްވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ޑެންގޫ ހުން ދަނީ ފެތުރެމުންނެވެ. ޑެންގޫ ޖެހޭ މިންވަރު ޕީކަށް އަރާފައިވާ ކަމަށް ސެންޓާ ފޯ ހެލްތު އެންޑް ޑިސީޒް ކޮންޓްރޯލް އިން ވަނީ ބުނެފަ އެވެ. އަދި މިއީ 2006 ވަނަ އަހަރުގެ ފަހުން ޑެންގޫ ޖެހޭ މިންވަރު މިހާވަރަށް އިތުރުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.