މާލޭ ލީގުގެ މެޗެއްބަލާލައިގެން، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެއިން ބޭރުގައި ކުޅޭ މެޗެއް ބަލާލުމުގެ ފުރުޞަތު ދިވެހި ސަޕޯޓަރުންނަށް ދިނުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ މާލޭ ލީގުގެ މެޗެއްބަލާލައިގެން ރާއްޖޭން ބޭރުގައި ދިވެހި ގައުމީޓީމު ކުޅޭ މެޗެއް ބަލާލުމުގެ ފުރުޞަތު ދެވެހި ސަޕޯޓަރުންނަށް ހުޅުވާލައިފައިވާކަމަށެވެ.

އެފްއޭއެމްއިންބުނީ މާލޭ ލީގުގެ ކޮންމެ މެޗެއްގައިވެސް ގުރުއަތުން ހޮވޭ ދިހަ މީހުންގެ ތެރެއިން އެކަކަށް ގައުމީ ޓީމު ރާއްޖެއިން ބޭރުގައި ކުޅޭ ކޮންމެވެސް މެޗެއް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގައި ގައުމީ ޓީމު ކުޅޭ މެޗެއް ބަލައިލުމުގެ ފުރުޞަތެއްކަމެއް އެ އިދާރާއިން ހާމަކޮށްފައެއްނުވެއެވެ. އެފްއޭއެމްއިން ބުނީ ގުރުއަތުލުން އޮންނާނީ މާލޭ ލީގުގެ ކޮންމެ ބުރެއް ނިމުންކަމަށެވެ.

އެފްއޭއެމްއިން މިގޮތަށް ނިންމީ މާލޭ ލީގު ފޯރިގަދަ ކުރުމަށް އެއިދާރާއިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިންނެވެ. މީގެ އިތުރުން އެފްއޭއެމްއިންވަނީ މިސީޒަންގެ ޗެރިޓީ ފުޓްބޯޅަ މެޗު ކުޅެމުންދިޔަ ވަގުތު، އެ މަންޒަރު ފޮޓޯއެއް ނެގުމަށް ފަހު އިންސްޓަގްރާމް ކޮށްގެން، ގުރުއަތުން ހޮވޭ ފަރާތަކަށް ގައުމީ ޓީމާއެކު ބޫޓާނަށް ދިއުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.