ދަރިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމާއި ނުރާއްކާތަކުން ސަލާމަތްކޮށް ރައްކާތެރި ކުރުމަކީ މައިބަފައިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތަކާއި ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ބޮޑެތި މީހުންނަށް ވާއިރު، ހެޔޮ ލަފާ މުޖުތަމައުއެއް ބިނާ ކުރެވޭނީ އެކުދީންނަކީ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ބަޔަކަށް ހަދައިގެން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ ބަޔަކަށް ހެދުމަކީ މައިބަފައިންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއްކަމަށް ހުތުބާގައި ބުންޏެވެ.

މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ބަޔަކަށް ހެދޭނީ، އެކުދީންނަކީ ހަމައެކަނި ފިކުރީގޮތުން ތަނަވަސް ބަޔަކަށް ހަދައިގެން ނޫން ކަމަށާއި، އޭގެ އިތުރުން އެކުދީންނަކީ ހަޔާތާއި މުޖުތަމައުގެ ޒިންމާތައް އުފުލޭވަރުގެ ދުޅަހެޔޮ ބަޔަކަށް ހަދައިގެން ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާގައި ވަނީ، ދަރީންނަކީ މާތްﷲ ދެއްވާފައިވާ ނިއުމަތެއްކަމުން، އެކުދީން ބަލައި ބޮޑުކުރުމުގެ ޒިންމާ އެޅިފައިވަނީ މައިންބަފައިންގެ ބޮލުގައިކަން ހަނދާންކޮށްދީފައެވެ.

ކުޑަކުދީންނަކީ އެކުދީންގެ އުމުރުގެ ޅަފަތުގައި ކުރިމަތިވާ ކަންތައްތަކުގެ ނުރައްކާތެރިކަން ދެނެގަންނަން އެނގޭ ބަޔަކަށް ނުވާތީ، އެކުދީންނަށް ޖެހިދާނެ ބަލިތަކުންނާއި ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިކުރުމުގެ ޒިންމާ އެޅިފައިވަނީ މައިންބަފައިންގެ ބޮލުގައެވެ.

ޚުތުބާގައި ބުނީ، ކުޑަކުއްޖާއަށް ޅަފަތުގައި ކުރިމަތިވެދާނެ އެއް ނުރައްކަލަކީ އެކުއްޖާގެ ހަޔާތް ބަރުބާދުކޮށް ހަލާކުކޮށްލާ ބައެއް ބަލިތައް ކަމަށެވެ. އެގޮތުން ހިމަބިއްސާއި ރުބެއްލާ ފަދަ ގައިންގަޔަށް އަރާ ބަލިތަކުގެ އިތުރުން، ބޭރަށް ހިންގުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވުންފަދަ ނުރައްކާތެރި ހާލަތްތައް ހުތުބާގައި ފާހަގަ ކުރެއްވި އެވެ. އަދި އެބަލިތަކުގެ ސަބަބުން ކުއްޖާ ނުކުޅެދޭ ކުއްޖަކަށް ވެއްޖެ ނަމަ އެކަމުގެ ހިތާމަ މުޅި ހަޔާތުގައި އެކުއްޖާއަށާއި އެކުއްޖާގެ މައިންބަފައިންނަށް އުފުލަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

އެފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަށް އިސްލާމްދީން އިންޒާރުދީފައިވާ ކަމަށާއި، އެފަދަ ބަލިތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދީން ގޮވާލާކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން އެބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިނާއި އިންޖެކްޝަންތައް ދޭން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. އެހެން ކަމުން ވެކްސިނާއި ސިއްހީ ފަރުވާ ސަރުކާރުން ހިލޭ ދޭއިރު، އެ ހިދުމަތްތައް އެކުދީންނަށް ލިބިދިނުމަށްޓަކައި ސިއްހީ މަރުކަޒާއި ހޮސްޕިޓަލަށް އެކުދީން ގޮވައިގެން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިއުމަށް ހުތުބާގައި މައިންބަފައިންނާއި ބެލެނިވެރީންނަށް ގޮވާލި އެވެ.

ދަރީން ހިމާޔަތް ކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިސްލާމު ދީން އަންގަވާފައިވަނީ، އެކަމުގެ ސަބަބުން އާއިލާތަކާއި ޖަމާއަތްތަކަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެ އެވެ.