24 Feb 2017, 11:39
ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ބެލްޖިއަމްގެ ގެންޓް އަތުން އެގްރިގޭޓުން ބަލިވެ، އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އެ މުބާރާތުން ކަޓައިފިއެވެ.
ޔޫރޮޕާ ލީގުގައި ރަށުން ބޭރުގައި ކުޅެމުންދިޔަ ގެންޓުން ވަނީ ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޓޮޓެންހަމް ހިފަހައްޓައިފައެވެ. ރޭ ކުޅުނު ދެވަނަ ލެގު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. ގެންޓަށް ގަދަ 16ގެ ޖާގައެއް ލިބުނީ 2-3 ލަނޑުގެ އެގްރިގޭޓަކުން ކުރީގައި އޮތުމުންނެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ޓޮޓެންހަމްއާއި ގެންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެގްރިގޭޓުން ކުރި ހޯދައި، ގެންޓްއިން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައި --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގެ ދިހަވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. އެރިކް ޑަޔާ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ.
ޓޮޓެންހަމްއަށް ލީޑުގައި މާ ގިނައިރުތަކެއް އޮވެވޭގޮތެއް ނުވިއެވެ. މެޗުގެ 20 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުވީ ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ސަބަބުންނެވެ. އޭނާ އަތުން އެލަނޑު ވަދެފައިވަނީ ގެންޓްއިން ނެގި ކޯނަރެއްގެ ތެރެއިންނެވެ.
މެޗުގެ ދެވަނަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުރިމަތީ ކުޅެމުންދިޔަ ޓޮޓެންހަމްއަށް އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހުނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ބްރޭޝްޓް ޑެހާގެރޭއަށް ކުރި ފައުލަކާ ގުޅިގެން ޑެލޭ އަލީއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. އެހެންކަމުން މެޗުގެ ބޮޑުބައި ޓޮޓެންހަމްއިން ފުރިހަމަ ކުރަންޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ޓޮޓެންހަމްއާއި ގެންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެގްރިގޭޓުން ކުރި ހޯދައި، ގެންޓްއިން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައި --- ފޮޓޯ/ އޭޕީ
ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، މެޗުގެ 61 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއްޖަހައި އަލުން ލީޑު ހޯދައިފައެވެ. އެ ލަނޑު ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ ވިކްޓާ ވަންޔާމާއެވެ. އެރިކްސަން ދިން ބޯޅައަކުން ވަންޔާމާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ޔޫރޮޕާ ލީގުގައި ޓޮޓެންހަމް ކުރަމުންދިޔަ އުންމީދުތަކަށް ހުރަސް އެޅިގެންދިޔައީ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގެ 82 ވަނަ މިނެޓުގައި ގެންޓަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ ޖެރެމީ ޕާބެޓްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކަލީފާ ކޫލިބަލީ ނަގައިދިން ހުރަސް، ޓޮޓެންހަމްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ލިބުނު ރީބައުންސް ބޯޅައަކުންނެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ޓޮޓެންހަމްއާއި ގެންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެގްރިގޭޓުން ކުރި ހޯދައި، ގެންޓްއިން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައި --- ފޮޓޯ/ އޭޕީ
ރޭގެ މެޗުތަކަށްފަހު ޔޫރޮޕާ ލީގު ގަދަ 16އިން ޖާގަ ހޯދި ހުރިހާ ޓީމެއް ވަނީ ކަށަވަރުވެފައެވެ. މިއަދުގެ ވަގުތެއްގައި ގަދަ 16ގެ ގުރުނެގުމަށް ހަމަޖެހިފައިވެއެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16އަށް ދަތުރުކުރި ޓީމުތައް:
އެންޑަލެހްޓް (ބެލްޖިއަމް)
- ގެންޓް (ބެލްޖިއަމް)
- ގެންކް (ބެލްޖިއަމް)
- އެޕޮއެލް (ސައިޕްރަސް)
- ކޯޕަންހޭގަން (ޑެންމާކް)
- މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)
- ލިޔޯން (ފްރާންސް)
- ބޮރޫޝިއާ މޮންޗެންގްލަޑްބެކް (ޖަރުމަން)
- ޝާލްކޭ (ޖަރުމަން)
- އޮލިމްޕިއާކޮސް (ގްރީސް)
- ރޯމާ (އިޓަލީ)
- އަޔެކްސް (ފްރާންސް)
- ކްރަސްނޮޑާ (ރަޝިޔާ)
- ރޮސްތޯވް (ރަޝިޔާ)
- ސެލްޓާ ވީގޯ (ސްޕެއިން)
- ބެސިކްޓާސް (ތުރުކީ)