29 Jun 2011, 12:57
ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯއަށް ކުޅެމުންއަންނަ ޖަޕާނުގެ ތަރި ކޭސޫކް ހޮންޑާ އިޓަލީގެ ޔުވެންޓާސްއަށް ބަދަލުވުން ވަރަށް ގާތްކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖަޕާނުގެ ނޫހެއްކަމަށްވާ ސްޕޯޓްސް ނިޕޯނުން ނެރުނު ރޕޯޓެއްގައިވާގޮތުން 25 އަހަރުގެ ހޮންޑާ ޔުވެންޓާސް އަށް ބަދަލުވުމަށް ގެންދަނީ ޔުވެންޓާސް އިން ވާހަކަތައް ދައްކަމުންނެވެ. ސީރީއާ ފަދަ ބޮޑު ލީގަކަށް ބަދަލުވާން ބޭނުންކަމަށް ޖާޕާނުގައި ޗުއްޓީ ހޭދަކުރުމަށްދާ ހޮންޑާ ވެސް ވަނީ ބުނެފަ އެވެ.
"އަދި އެއްވެސްގޮތެއް ނުނިންމަން. މީޑިއާއަށް އެއްވެސްކަމެއް އެނގޭނެނަމަ އަހަރެންނާއިވެސް ހިއްސާކޮށްލުން ރަނގަޅު. ބޮޑު ލީގެއްގެ ކްލަބަކަށް ބަދަލުވާން ބޭނުން. އަހަރެންގެ ނަން ބޮޑު ލީގެއްގެ އެހެން ކްލަބަކުން ފެނުނަސް އެއީ ގޯސް ކަމެއްކަމަކަށް އަހަރެން ނުދެކެން." ހޮންޑާ ބުންޏެވެ.
އޭއެފްސީ އޭޝިއަން ކަޕް ޖަޕާނަށް ހޯދައިދިނުމަށް އެންމެ އިސް ދަޢުރެއް އަދާކުރި ހޮންޑާއަށް މިއީ ބަދަލެއް ގެނައުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.