ލޯކަލް ކައުސިލް އިންތިހާބުގެ މޮނިޓަރުންނަށާއި އޮބްޒާވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތި ލުމުގެ ފުރުސަތު މާޗު ފަސްވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

މީގެކުރިން އިލެކްޝަނުން ބުނެފައިވަނީ މޮނިޓަރުންނަށާއި އޮބްޒާވަރުންނަށް ވާން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ފެބުރުއަރީ 14 ވަނަ ދުވަސް ކަމަށެވެ.

ނަމަވެސް މިއަދު އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މުއްދަތު މާޗު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މޮނިޓަރުންނަށާއި އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު އިތުރުކޮށްފައިވާއިރު އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތުވެސް މިމަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 469 ވޯޓު ބައްހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ވޯޓު ފޮށި ބަހައްޓާއިރު މާލޭގެ ރައްޔިތުންނަށް ބަހައްޓަނީ 55 ވޯޓު ފޮއްޓެވެ.

  • އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށް - 309 ފޮށި

  • މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް - 77 ވޯޓު ފޮށި
  • ޖަލުތަކުގައި - ހަތަރު ފޮށި
  • ސްރީލަންކާގައި - ތިން ފޮށި
  • އިންޑިއާ - ތިން ފޮށި
  • ރިސޯޓުތަކުގައި - 21 ފޮށި
  • ސިނާއީ މަސައްކަތްކުރާ ރަށްރަށް - ހަތަރު ފޮށި

ރިސޯޓު ތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނީ އެތަންތަނުގައި ވޯޓުލާން މަދުވެގެން 100 މީހުން ރެޖިސްޓްރީ ވެއްޖެ ނަމަ ކަމަށް އިލެކްޝަނުން ބުންޏެވެ.

ވޯޓުލާން ހަމަޖެހިފައިވަނީ 15 އޭޕްރީލް ދުވަހުގެ ހެނދުނު އަށަކުން ހަވީރު ހަޔަކަށެވެ.