24 Feb 2017, 18:07
މިނިވަން ޗެމްޕިއަންޝިޕަކީ އަތޮޅުތަކުގެ ޓީމުތައް ރަށްރަށުގެ ކުޅުންތެރީންގެ ފެންވަރު ދައްކާލުމަށް އެފްއޭއެމްއިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެވެ. މިއަހަރުން ފެށިގެން އެ މުބާރާތުގެ ގަދަ ހަތަރު ޓީމަށް ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމާއެކު ދިވެހި ޕްރިމިއާ ލީގުގައި ވާދަކޮށްލުމަށް ފުރުސަތުދޭން ނިންމުމުން މުބާރާތުގެ ފޯރި ވެސް މިވަނީ އިތުރުވެގެންގޮސްފައެވެ.
މިއަހަރުން ފެށިގެން ޕްރިމިއާ ލީގުން އަތޮޅުތެރޭގެ ޓީމުތަކަށް ފުރުސަތުދޭން ނިންމުމުން ގަދަ ހަތަރު ޓީމުތަކުގެ ތެރޭގައި ހިމެނުމަށް ޓީމުތަކަށް އެންމެ މުހިންމުވާ އެއް ކަމަކީ ރަނގަޅަށް ތައްޔާރުވުމެވެ. މިއަހަރު މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ބޮޑަށް ތައްޔާރުވާ އެއް ޓީމަކީ ރ. އަލިފުށްޓެވެ.
އަލިފުށީ ޓީމު އެ މުބާރާތަށް ކުރިމަތިލާނީ އެފަދަ ބޮޑު މުބާރާތެއްގައި ވާދަކުރިތާ ހަތް އަހަރު ފަހުންނެވެ. އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ އަލިފުށިން އެންމެ ފަހުން ވާދަކުރި އެފަދަ މުބާރާތަކީ 2009 ވަނަ އަހަރު ބޭއްވި އަތޮޅު މުބާރާތުގައެވެ. އެ އަހަރުގެ އަތޮޅު ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް އަލިފުށްޓެވެ. ރ. އަތޮޅު ބުރަށް އަލިފުށީ ނުކުތުމަށް ތައްޔާރުވަމުންދާއިރު، އެ ޓީމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އަލިފުށީ ޓީމުގެ ތައްޔާރީތައް
މިހާރު ކޮންމެ ދުވަހަކު ވެސް އަލިފުށީ ޓީމުގެ ފަރިތަކުރުންތައް ވަރަށް ފޯރިއާއެކު ކުރިއަށްގެންދެއެވެ. އެ ރަށުގެ ރައްޔިތުން އަދި ޓީމުގެ ކުޅުންތެރީން އެމުބާރާތާ ކުރިމަތިލަނީ ބޮޑު އަމާޒަކާއެކުއެވެ. އެއީ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައެވެ.
"މުބާރަތަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދޭ. ހުރިހާ ޒުވާނުންގެވެސް ވަރަށް ބޮޑު އެއްބާރުލުމެއް މިކަމަށް ލިބޭ. ރަށު ބޯޅަ ދަނޑުގައި ކޮންމެ ދުވަހަކު ހަވީރު ޤަވާއިދުން ފަރިތަކުރުންތައް ކުރިއަށްގެންދޭ. އަމާޒަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރުން،" ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އަލިފުށީ ކައުންސިލް މެމްބަރު އަލީ އަޒްމީން ވިދާޅުވިއެވެ.
އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުގެ ހާލަތު!
ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް، އަދުގެ ސަރުކާރުން ބިޔަ މަޝްރޫއުތަކެއް ފަށާފައިވާކަމީ ކުޅިވަަރުތަކުގައި ވަސީލަތްނެތި މާޔޫސްވެފައިވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ޔަގީނެވެ. ކުޅިވަރު އެރީނާ މަޝްރޫއުގެ ދަށުން ގިނަ ރަށްރަށުގައި ފުޓްސަލް ދަނޑުތައް ތަރަށްގީކުރަމުން ދިޔަ ނަމަވެސް އަދިވެސް، ރާއްޖޭގެ ގިނަ ބަޔަކު އެ ކުޅިވަރަކާ ހެދި މަރުދަންޖެހޭ، ފުޓްބޯޅަ ކުޅޭ ދަނޑުތަކުގެ ހާލަތު ގިނަ ރައްރަށުގައި ހުރީ އެހާ ރަނގަޅަކަށް ނޫނެވެ.
މިނިވަން ޗެމްޕިއަންޝިޕް ފެށުމާ ކައިރިވެފައިވާއިރު، އަލިފުށީ ޓީމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުގެ ހާލަތު ދަށްވުމެވެ. އެ މުބާރާތާ ކުރިމަތިލުމަށް ދާއިރު ދަނޑުގެ ހާލަތު ދަށްވުމުގެ އަސަރު އެރަށު ޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވެއެވެ.
އަޒްމީން ވިދާޅުވީ، 2009 ވަނަ އަހަރުގެ މުބަރާތަށްފަހު ދަނޑުގެ ހާލަތު ވަރަށް ދަށް ކަމަށާއި މިވަގުތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ބޮޑު މުބަރާތަކަށް ތައްޔާރުވާނެ ދަނޑެއް ނެތުން ކަމަށާއި މުބާރާތުގައި ބައިވެރިވާން ނިންމި ހިސާބުން ފެށިގެން ދަނޑު މަރަމާތު ކުރުމުގެ މަސައްކަތް ޒުވާނުން އިސްނަގައިގެން ކައުންސިލާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރޭގައި ދަނޑު ނޮޅައި ސާފުކުރުމާއި ގޯލް ހަރުކުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވާވަރަށް ދަނޑު އެއޮތީ ހަދާފައި. ނޮޅާ ސާފުކޮށް ދެ ފަރާތުގައި ގޯލް ޖަހާ ހަދާފަ މިހާރު ހުންނާނީ. ދެން އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމާބެހޭ އިދާރާތަކުގައި ދަންނަވަފަވާނީ މިފަދަ މުބަރާތެއްގައި ވާދަކުރާއިރު ދަނޑުގެ ހާލަތު ރަނގަޅުކޮށްދިނުމަށް ރަށު ރައްޔިތުން އެދޭވާހަކަ،" އަޒްމީން ވިދާޅުވިއެވެ.
ޒަމާނުންސުރެ ފުޓްބޯޅަކުޅެން މޮޅު ކުޅުންތެރިން އަލިފުށީގައި ތިބި އިރު އަލިފުށީގައި އޮންނަ ބޮޑު ދަނޑުގެ ފަސްގަންޑު ހަލާކުވެ، އެދަނޑުގައި ކުޅެވޭ ގޮތް ނުވާތީ ގިނަ ޒުވާނުން ފުޓްބޯޅަ ދޫކޮށް މިހާރު ކުޅެމުންދަނީ ފުޓްސަލްއެވެ. އެ ރަށުގައި ނިސްބަތުން މޮޅެތި ފުޓްސަލް ކުޅުންތެރިންތަކެއް ތިބިއިރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް، ރަށުގެ ނަން ފަހުރުވެރިކޮށްދިނުމުގެ އަޒުމުގައި މިހާރު އޭގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް ތިބީ ފުޓްބޯޅައަށް ވަގުތު ހުސްކޮށްގެންނެވެ.
"ފުޓްސަލް ކުޅޭ މޮޅެތި ކުޅުންތެރިންތަކެއް ވަނީ ޓީމަށް ނަގާފައި. އެ ކުޅުންތެރިން މިހާރު ތިބީ ރަށުގައި، ޓީމާއެކު. ރަށު ޓީމާ ގުޅެން ބޭނުންވެފައިވާ ގިނަ ކުޅުންތެރިންތަކެއް އަދިވެސް އެބަތިބި. މުބާރާތް އޮންނަ ދުވަސްވަރާ ކުލަބް މޯލްޑިވްސް ކުޅޭ ދުވަސްވަރާ ދިމާވާތީ އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުލިބުމަކީ ކަންބޮޑުވާ ކަމެއް. އާންމުކޮށް ޕްރެކްޓިސްތަކުގައި 30 ކުޅުންތެރިން ބައިވެރިވޭ. މުބާރާތް އޮންނަ ދުވަސްވަރާ ގާތްކޮށް ފައިނަލް ޓީމެއް އެކުލަވާލާނަން،" އަޒްމީން ވިދާޅުވިއެވެ.
އަލިފުށީގެ އިތުން މި އަތޮޅުގައި ދަނޑުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ އެއް ރަށަކީ ހުޅުދުއްފާރެވެ. ހުޅުދުއްފާރު ކައުންސިލް މެމްބަރު އިބްރާހިމް ޝިފާޒް ވިދާޅުވީ އެރަށުގެ ޒުވާނުންވެގެން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެރަށު ފުޓްބޯޅަ ދަނޑު ބޭނުން ނުކުރެވުންކަމަށެވެ.
ދަނޑުގެ ފަސްގަނޑު ހަރު ނޫންކަމުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުން ތައް އެރަށު ޒުވާނުން ކުރިއަށް ގެންދަނީ ރަށުގެ އެކިސަރަހައްދުތަކުގައި ކަމަށް ޝިފާޒް ވިދާޅުވިއެވެ.
"ނެތް ފަރިތަ ކޮށްލާނެ ދަނޑެއް، ވަރަށް ފަހުން ދަނޑަށް ވެލި އަޅާފަ އޮތީ އެހެންވެ ފަސްގަނޑު އެހާ ހަރެއް ނޫން އެތާ ކުޅެވޭ ވަރަށް، ފަރިތަކުރުންތައް ކުރިއަށް މިގެންދަނީ ރަށުގެ އެކި ސަރަހއްދުތަކުގައި, މުބާރާތް ފަށަން ވާއިރަށްވެސް ބޮޑު ދަނޑުގައި ފަރިތަކޮށްލެވޭނެ ހެއްނެއް ހިއެއްނުވޭ" ޝިފާޒް ވިދާޅުވިއެވެ.
ރ. އަތޮޅު ކައުންސިލްގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވީ، ރ. އަތޮޅުގެ ރަށްރަށުގެ ތެރެއިން 90 އިންސައްތަ ރަށުގެ ދަނޑުތައް ރަނގަޅު ވާނެ ކަމަށާއި އެ އަތޮޅުގައި މިހާތަނަށްވެސް ބޮޑެތި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވާނެކަމަށެވެ. އަދި ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު މުބާރަތް ކުރިއަށްގެންދާ އެ އޮތޮޅު ވެރިކަން ކުރާ ރަށް އުނގޫފާރު ދަނޑުގެ ހާލަތުވެސް ވަރަސް ރަނގަޅުވާނެ ކަމަށެވެ.
ރ. އަތޮޅުން މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވެފައިވަނީ އަލިފުށީގެ އިތުރުން ހުޅުދުއްފާރު، އިންނަމާދޫ، އުނގޫފާރު، މީދޫ އަދި ރަސްމާދޫއެވެ.
ރ. އަތޮޅު ބުރުގައި އަލިފުށި ހިމެނެނީ މީދޫއާއި ހުޅުދުއްފާރާއެކު ގްރޫޕް ދޭއްގައެވެ.
ގްރޫޕް އެކެއްގައި ހިމެނެނީ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން އިންނަމާދުއާއި، އުނގޫފާރު އަދި ރަސްމާދުއެވެ.
އެ އަތޮޅު ބުރުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ދަނޑުގައެވެ. އަލިފުށި ކުޅޭ ފުރަތަމަ މެޗުގައި އޭޕްރީލް އެއްވަނަ ދުވަހު ނުކުންނަން ޖެހޭނީ މީދުއާ ދެކޮޅަށެވެ.
ބައްސާމްގެ ވައުދު!
މިދިޔަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ކުރިމަތިލެއްވިއިރު، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި އަތޮޅުތެރޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި އަތޮޅުތެރޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް ބޮޑު ހަރަދެއް ކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްގެ އެ ވައުދުތަކާއެކު އަތޮޅުތަކުގެ ރައްޔިތުންނާއި ކުޅުންތެރިންނަށް ހިނިތުންވުން ގެނައެވެ. އަދި އަދުގެ ސަރުކާރުން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ، ކުޅިވަރު އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ އެކު އަތޮޅުތެރޭގެ ފުޓްބޯޅަ ކުޅުންތެރީންވެސް ތިބީ، އެމީހުންނަށްވެސް ކުޅެލަން ރަނގަޅު ދަނޑެއް ލިބުމުގެ ފޮނި އުންމީދުގައެވެ.