23 Feb 2017, 18:35
ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި، އެއްވެސް މެޗަކުން ބަލިނުވެ، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.
'ގްރޫޕް އޭ'ގައި ދެކުނު ކޮރެއާގެ ހަތަރުވަނަ ޑިވިޝަންގެ ޗެމްޕިއަން އެފްސީ ޕޮޗިއޮންއާ ޓީސީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
އެ ނަތީޖާއާ އެކު ޓީސީއަށް ގްރޫޕްގެ އެއްވަނަ ކަށަވަރުވިއިރު، އެފްސީ ޕޮޗިއޮންއަށް ވެސް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ލިބިފައެވެ. ޓީސީއަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ދެވަނައިގައި އޮތް ޕޮޗިއޮންއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
ތިންވަނައިގައި އޮތް، ބަނގްލަދޭޝް ލީގު ޗެމްޕިއަން ދާކާ އަބަހާނީއަށް ދެ މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި އޮތް، ކިރްގިސްތާންގެ އެފްސީ އަލްގާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެެ ގްރޫޕްގައި މިހާރު ދާކާ އަބަހާނީއާއި އެފްސީ އަލްގާ ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް، ގްރޫޕްގެ އެއްވަނަ އަދި ދެވަނައަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓީސީއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެޓީމުގެ މިޑްފީލްޑަރު މުހައްމަދު އައްޒާމްއާއި ސްޓެވާޓް ކޯނެލިއަސްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފުގައި ޕޮޗިއޮންއަށް މާ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓްތެރޭ ޓީސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މުހައްމަދު އައްޒާމް ދިން ބޯޅައަކުން ޓީސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ސެއިންޓް ވިންސެންޓް ފޯވަޑް ކޯނެލިއަސްއެވެ. ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ އުފެއްދި ހަމަލާ، އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އެ ލަނޑަކީ އެ މުބާރާތުގައި ކޯނެލިއަސް ކާމިޔާބުކުރި ދެވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޕޮޗިއޮންއިން ކުޅުން ވަރުގަދަކޮށް ލަނޑުޖަހާނެ ފުރުސަތުތަކެއް ހޯދިއިރު، ޓީސީއަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ އިބްރާހިމް ވަހީދު ހަސަންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ އުފެއްދި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ޕޮޗިއޮންއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕޮޗިއޮންއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޕާކް ޔުންގްއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އައްޒާމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ލިބުނު ރީބައުންސް ބޯޅައިންނެވެ.
ސެމީގައި ޓީސީ ނުކުންނަން ޖެހޭނީ 'ގްރޫޕް ބީ'ގެ ރަނަރަޕްއާ ދެކޮޅަށެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ ސެމީގައި ޓީސީ ނުކުންނަންޖެހޭ ޓީމެއް ކަށަވަރުވާނީ މާދަމާ ކުޅޭ 'ގްރޫޕް ބީ'ގެ ފަހު މެޗަށްފަހުއެވެ.