23 Feb 2017, 17:57
ކްލަބް އީގަލްސް އަކީ ނަންމަޝްހޫރު ކުޅުންތެރީން ތިބެގެން ނަތީޖާނެރޭ ޓީމެއް ނޫންކަމަށާއި އެ ކްލަބު މަތީ ފަންތީގެ ޓީމު ތަކާ އެއް ސަފެއްގައި ރޭންކް ކުރަން ބެނުން ނުވާކަމަށް އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޤަނީ (ސާންތި) ބުނެފިއެވެ.
މާލޭ ލީގުގެ އެންމެ ފުރަތަމަ މެޗުގައި މާދަމާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުގެ ކުރިން ނޫސްވެރީންނާ ވާހަކަދައްކަމުން ސާންތި ބުނީ، ރާއްޖޭގެ ބޮޑެތި ކްލަބުތަކާ އެއް ސަފެއްގައި އީގަލްސް ރޭންކު ކުރަން ބޭނުން ނުވާކަމަށާއި އީގަލްސްއަކީ އާދައިގެ ޓީމެއްކަމަށެވެ.
ސާންތި ބުނީ ފުޓްބޯޅަ ކުޅެވޭނީ ނަންމަޝްހޫރު ކުޅުންތެރީން އެކަނި ތިބެގެން ނޫންކަމަށާއި އާދައިގެ ޓީމެއް ގޮވައިގެންވެސް މުބާރާތެއް ކާމިޔާބު ކުރެވިދާނެކަން އީގަލްސްއިން މީގެ ކުރިން އޮންނާނީ ސާބިތުކޮށްދީފައި ކަމަށެވެ.
މާދަމާގެ މެޗަށް ނިކުންނަ އިރު މާޒިޔާއަކީ އެންމެންގެ ވެސް ފޭވަރިޓް ކަމަށާއި އަދި އެޓީމަކީ ވަރަށް އޮގަނައިޒް ޓީމެއްކަމަށް ސާންތި ބުންޏެވެ. އޭނާ ބުނީ އީގަލްސްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެޓީމަށް ގެނައި ބައެއް ބޭރު ކުޅުންތެރީން ޓިމާ ގުޅުން ލަސްވުންކަމަށާއި ނަމަވެސް މާދަމާގެ މެޗުގައި ރަނގަޅުކުޅުމެއް ފެނިގެންދާނެކަމަށް އުންމީދުރާކަމަށެވެ.
"މާޒިޔާއަކީ ވަރަށް އޮގަނައިޒް ޓީމެއް، އެ ޓީމާ ދެކޮޅަށް ލީގުގެ ފުރަތަމަ މެޗުގައި ނުކުތުމަކީ އީގަލްސްއަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް،" ސާންތި ބުންޏެވެ.
ސާންތި ބުނީ މާދަމާގެ މެޗުގައި މާޒިޔާގެ ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ އަހްމަދު ނާޝިދު (ނައްޓޭ) އަނިޔާގެ ސަބަބުން ނުކުޅޭނެކަމަށެވެ.
މި މެޗާ ގުޅޭ ގޮތުން މާޒިޔާގެ ކޯޗު މާރްޔަން ސެކުލޮސްކީއާ ބުނީ އީގަލްސްއަކީ ދެރަ ޓީމެއް ނޫންކަމަށާއި މާޒިޔާއިން ބޭނުންވަނީ، މާދަމާގެ މެޗަކީ ފެންވަރު ރަނގަޅު މެޗަކަށް ވުންކަމަށެވެ.
ސެކުލޮސްކިއާ ބުނީ، ޗެރިޓީ ޝީލްޑް މާޒިޔާއިން އުފުލާލުމުން ކުޅުންތެރީން ތިބީ އެކަމާ ވަރަށް ބޮޑަށް މޯޓިވޭޓްވެފައިކަމަށެވެ.
މާޒިޔާއަކީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންޓީމެވެ. އީގަލްސްއަކީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަންޓީމެވެ.
މުޅިން އަލަށް ބާއްވާ މާލޭ ލީގުގައި މި ދެޓީމު ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު ގައުމީ ދަނޑުގައެވެ. މެޗު ފަށާނީ 16:00 ގައެވެ.