ގއ. ކަނޑުހުޅުދޫ މިސްކިތް ހަދާ ބިމުގައި ގަބުރު ހުރިތޯ ސާވޭ ކުރައްވަން އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ފުރާވަޑައިގެންފި އެވެ.

ހަބަރަށް ބޭނުންވާނެ މައުލުމާތު ކަމަށް ބުނެ މިނިސްޓްރީން ނެރުނު ކަރުދާހެއްގައި ބުނަނީ މިނިސްޓަރު މަޖީދު ގދ. އަތޮޅާއި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ދަތުރު ފައްޓަވާފައިވާ ކަމަށެވެ. މިނިސްޓަރު، ޑރ. މަޖީދުގެ ދަތުރުފުޅުގައި ކަނޑުހުޅުދޫއަށް ވަޑައިގަންނަވަނީ އެ ރަށުގައި މިސްކިތް އިމާރާތް ކުރާ ބިމުގައި ގަބުރު ހުރެދާނެ ކަމަށް އެ ރަށުގެ މީހުން ބުނާތީ އެ ބިން ސާވޭ ކުރެއްވުމަށް ކަމަށެވެ.

ކަނޑުހުޅުދޫ މިސްކިތް އަޅާ ބިމުގައި ގަބުރު ހުރި ކަމަށް ޝައްކުވާ ކަމަށް އެރަށުގެ ބައެއް މީހުން ބުނަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މިނިސްޓްރީން ބުނީ ކަނޑުހުޅުދޫ މިސްކިތް އަޅާ ބިން ސާވޭ ކުރުމުގެ އިތުރުން އެ އަތޮޅު ވިލިނގިލީގައި މިރޭ ޑރ. މަޖީދު ދީނީ ނަސޭހަތް ދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ގއ. ކޮލަމާފުއްޓާއި ގދ. ތިނަދޫއަށް ވެސް ޑރ. މަޖީދު ވަޑައިގަންނަވާނެ އެވެ.