23 Feb 2017, 16:05
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. އަތޮޅުގެ ހޯރަފުށްޓާއި އިހަވަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ދެ ބްރާންޗު މިއަދު ހުޅުވައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މި މަހުގެ ތެރޭގައި "އަހަރެންގެ ބޭންކް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުން ދާ އިރު، ކޮންމެ ދުވަހަކު ވެސް އެ ބޭންކުން ދަނީ މުޖުތަމަޢަށް ފައިދާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެވެސް ޚިދުމަތެއް ތައާރަފު ކުރަމުންނެވެ.
ހއ. ހޯރަފުށި އަދި ހއ. އިހަދަންދޫގައި މިއަދު އެގޮތުން ހުޅުވި ބީއެމްއެލްގެ ދެ ބްރާންޗުގައި، ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ވެސް ލިބޭ އޭޓީއެމް ހުންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އެކައުންޓް ހުޅުވުމާއި، ލޯނު ދޫކުރުމާއި އަދި ކާޑުގެ ޚިދުމަތްތައް ފޯރުކޮށްދޭ މުވައްޒަފުން ވެސް ރަސްމީ ގަޑިތަކުގައި ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވީ، ހުޅުވިގެން ދިޔަ ދެ ބްރާންޗާ އެކު ހޯރަފުއްޓާއި އިހަވަންދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށާއި ރަށުގެ އިގްތިސާދަށް ރަނގަޅު ފައިދާތަކެއް ކުރުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
ބީއެމްއެލް އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭންކުގެ އިންވެސްޓްމެންޓްތައް ކުރަމުންދާ އިރު، މި އަހަރު ބޭންކުން ވަނީ އިންވެސްޓްކުރާ މިންވަރު ދެގުނައަށް އިތުރުކުރާނެކަން އިއުލާން ކޮށްފަ އެވެ.
އެގޮތުން، 300 މިލިޔަން ރުފިޔާއަށް އިންވެސްޓްމެންޓްތައް މަތިކޮށް، 150 އަށް ވުރެ ގިނަ ވަޒީފާ އުފެއްދުމަށް ބޭންކުން ވަނީ ނިންމައިފަ އެވެ.